ފްރާންސް ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ފޯވަޑް ނިކޮލަސް އަނެލްކާ ހިލޭ ޓްރާންސްފާއެއްގެ ދަށުން ބްރެޒިލްގެ އެތުލެޓިކޯ މިނޭރޯ އަށް ސޮއިކޮށްފި އެވެ.

އުމުރުން 35 އަހަރުގެ އަނެލްކާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އިނގިރޭސި ކްލަބު ވެސްޓް ބްރޮމް އަލްބިއޮން އިން މިދިޔަ މަހު އުވާލުމާއެކު އެ މުއްދަތުގެ ތެރޭގައި އޭނާ އެއްވެސް ކްލަބަކަށް ކުޅެފައެއް ނުވެ އެވެ. ވެސްޓް ބްރޮމް އިން އަނެލްކާއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލީ ކްލަބު ދޫކޮށްލަން އޭނާ ނިންމާފައިވާ ކަން ސޯޝަލް މީޑިއާގައި އާންމުކޮށްފައި ވަނިކޮށެވެ.

މިނޭރޯ އަށް އަނެލްކާ ސޮއިކޮށްފައިވާ އިރު އެ ކްލަބުގެ ރައީސް އެލެކްސެންޑާ ކާލިލް ވެސް ވަނީ އެކަން ކަށަވަރު ކޮށްދީފަ އެވެ. އަނެލްކާ އަކީ ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި އޭނާ ސޮއި ކުރުމަކީ މިނޭރޯ އަށް ލިބުނު ބޮޑު ކާމިޔާބެއް ކަމުގައި ކާލިލްގެ ޓްވިޓާ އެކައުންޓްގައި ބުނެފައިވެ އެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހު ފަހުކޮޅު ވެސްޓް ހޭމްއާ ދެކޮޅަށް ކުޅެ 3-3 ލަނޑުން ވެސްޓް ބްރޮމް އެއްވަރުވި މެޗުގައި ގޯލެއް ކާމިޔާބުކުރުމަށް ފަހު، އަނެލްކާ ވަނީ ނާޒީ ސެލިއުޓް ނަގައިފަ އެވެ. އެ މައްސަލައާ ގުޅިގެން އިނގިރޭސި އެފްއޭ އިން ފަސް މެޗުގެ ސަސްޕެންޝަނަކާ އެކު 80،000 ޕައުންޑުން އަނެލްކާ ޖޫރިމަނާ ކުރިއިރު، ވެސްޓް ބްރޮމް އިން ވެސް އޭނާ ސަސްޕެންޑް ކޮށްފައި ވެއެވެ.