06 Apr 2014, 17:36
ގދ. ތިނަދޫ ޑައިމަންޑުވިލާ، އަލީ ރަޝީދު،79،މަރާލި ކަމުގެ ތުހުމަތުގައި އިތުރު މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އެގޮތުން ހަތަރުވަނަ މީހާ ހައްޔަރު ކުރީ މިއަދު ހެނދުނު ކަމަށެވެ. މިއަދު ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ތިނަދޫ، ޑައިމަންޑް ވިލާ ގޭގެ ކޮޓަރިއެއްގެ ތެރޭގައި އަލީ ރަޝީދު މަރުވެފައި އޮތް ކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
އަލީ ރަޝީދު މަރާލި ކަމުގެ ތުހުމަތުގައި އެންމެ ފުރަތަމަ މީހުން ހައްޔަރުކޮށްފައި ވަނީ ހުކުރު ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައެވެ. އެ ރޭ ހައްޔަރުކޮށްފައި ވަނީ 41 އަހަރުގެ ދިވެހި އަންހެނަކާއި 35 އަހަރުގެ ދިވެހި ފިރިހެނެެއްގެ އިތުރުން 24 އަހަރުގެ ބަނގްލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި ފުލުހުންގެ ޚާއްސަ ތަހުގީގު ޓީމެއް ތިނަދޫގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
އެ އެންމެންގެ ބަންދުގެ މުއްދަތު 15 ދުވަހަށް ތިނަދޫ ކޯޓުން ވަނީ އިތުރުކޮށްފަ އެވެ.