ގެއްލިފައިވާ އެމްއެޗް 370 މެލޭޝިއާގެ ރާޑަރަށް ގެއްލުނު ފަހުން އިންޑޮނޭޝިއާ ވަށައިގެން އެނބުރުނުކަމަށް މެލޭޝިއާ ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ ސީއެންއެން އިން ބުނެފިއެވެ.

އެކަން އެނގުނީ އަވަށްޓެރި ގައުމުތަކުން ހިއްސާކުރި މައުލޫމާތުގެ އަލީގައި ކަމަށް ސީއެންއެންއާ ވާހަކަ ދެއްކި މެލޭޝިއާގެ އޮފިޝަލް ވިދާޅުވި ކަމަށް އެ އެޖެންސީން ބުންޏެވެ. އަދި ބުނީ ބޯޓް އިންޑޮނޭޝިއާގެ ވަށައި އެނބުރުނީ އެގައުމުގެ ރާޑަރަށް ނޭރުމަށް ކަމަށް ބެލެވޭ ކަމަށެވެ.

މެލޭޝިއާ އެއާލައިންގެ ބޯޓް ހޯދުމަށް މަސައްކަތް ކުރަމުން އައި ޗައިނާގެ ބޯޓަކަށް ޕަލްސް ސިގްނަލް ލިބިގެން ، އެއީ ބޯޓްގެ ބްލެކްބޮކްސްގެ ސިގްނަލްތޯ ބެލުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މިދިޔަ މާޗްމަހުގެ އަށް ވަނަ ދުވަހު، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެބޯޓުން ބޯޓުގައި ފަޅުވެރިންނާއި ފަސިންޖަރުންނާ އެކު ޖުމުލަ 239 މީހުން ދަތުރު ކުރި އެވެ.