06 Apr 2014, 16:37
ޑެންގީ ހުމުގެ ނުރައްކާ ދުނިޔޭގެ އާބާދީގެ 40 ޕަސެންޓަށް ކުރިމަތިވެފައިވާ ކަމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑްކްރރޮސް އެންދް ރެޑް ކްރެސެންޓް ސޮސައިޓީސް (އައިއެފްއާރުސީ) ބުނެފި އެވެ.
"ޑެންގީ ޓާނިންގް އަޕް ދަ ވޮލިއުމް އޮން އަ ސައިލެންޓް ޑިޒާސްޓާ" ގެ ނަމުގައި ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ޑެންގީ ހުމަކީ މިހާރު އެންމެ ބާރަށް ފެތުރޭ ވެކްޓާ ބޯން ޑިޒީސް ކަމަށެވެ.
އެ ރިޕޯޓުގައި ބުނެފައިވަނީ ވޭތުވެދިޔަ ފަންސާސް އަހަރު ދުވަހުގެ ތެރޭ ޑެންގީ ހުން ފެތުރޭ މިންވަރު ތިރީސް ގުނަ އިތުރުވެފައިވާ ކަމަށާއި އަދި މިއަދު ދުނިޔޭގައި ސަތޭކައަށްވުރެ ގިނަ ގައުމަކުން ޑެންގީ ހުން ޖެހުނު މީހުން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އަހަރަކު 390 މިލިއަން މީހުންނަށް ޑެންގީގެ އަސަރުކުރާ ކަމަށާއި ޑެންގީގެ ނުރައްކާ ކުރިމަތިވެފައިވާ އާބާދީ ތަކުގެ 75 ޕަސެންޓް ދިރިއުޅެމުން ދަނީ އޭޝިއާ ޕެސިފިކް ގައުމުތަކުގައި ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
ރެޑް ކްރެސެންޓްގެ ރިޕޯޓުގައި ބުނެފައިވަނީ ޑެންގީ ހުމަށް ހާއްސަ ވެކްސިނެއް ތައާރަފް ކުރެވިފައި ނެތް ނަމަވެސް އެއީ ރައްކާތެރިވެވިދާނެ ބައްޔެއް ކަމަށެވެ.
ރާއްޖޭގައި އެ ރިޕޯޓް ނެރުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގަ އެވެ.
ރާއްޖޭގައި ޑެންގީ ޖެހިގެން އެއްފަހަރާ އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ 2011 އަހަރު އެވެ. އެފަހަރު 12 މީހަކު ވަނީ އެބަލި ޖެހިގެން މަރުވެފަ އެވެ.