06 Apr 2014, 15:52
ލ. ގަން ތުނޑި ވުޑްލޭންޑު އަހްމަދު ނިޒާރު މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ އަށް ތިން މީހުން ވެސް އިންކާރުކޮށްފި އެވެ.
ނިޒާރު މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ލ. ގަން، މުކުރިމަގު، ދުނިފަރު، އަހްމަދު ޝުޖާއު،22، އާއި ހަމައެރަށު މުކުރިމަގު، ލައިޓްރޫމް، އަހްމަދު ސަބާހު،23، ގެ އިތުރުން މުކުރިމަގު، އަސްރަފީގޭ ހުސައިން ސާބިރު،22، ގެ މައްޗަށެވެ.
އެ ތިން މީހުން ދައުވާ އަށް އިންކާރުކުރުމާ އެކު ގާޒީ ވަނީ އެމީހުންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ހެކި ހުށަހެޅުމަށް ދައުލަތަށް އަންގައިފަ އެވެ. އެގޮތުން ދައުލަތުގެ ވަކީލު ވަނީ ލިޔުމުން ހެކި ހުށަހެޅުމުގެ ފުރުސަތަކަށް އެދިފަ އެވެ.
އެ ތިން މީހުންގެ ވަކީލު ވިދާޅުވީ ތަފްސީލީގޮތެއްގައި ދައުވާ އަށް ޖަވާބުދާރީވެވޭނީ އެ މައްސަލައިގައި ހިމެނޭ ލިޔުންތައް ލިބުމުން ކަމަށެވެ.
އެ މީހުންގެ މައްޗަށް ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭ (15 ޖުލައި) ދަންވަރު 2:23 އެހައިކަންހާއިރު ގަމު ސިނާއީމަގުންދެކުނުން އުތުރަށް އަހްމަދު ނިޒާރު ދަނިކޮށް، އެމަގުގެ ދިރާގު އެންޓަނާ ހުންނަސަރަހައްދާ ކައިރިން، އިތުރު ބަޔަކު އެމީހުން އެތަނަށް ގޮސް ލަކުޑިބުރިއާއި ދަގަނޑުބުރިން އޭނާ އަށް ހަމަލާދީފައިވާ ކަމަށެވެ. އެމީހުން ދިން ހަމަލާގެ ސަބަބުން ނިޒާރު މަރުވެފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
އެ މައްސަލައިގައި ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ދައުވާ ލިބޭ ތިން މީހުން ތަފްސީލީގޮތެއްގައި ދައުވާ އަށް ޖަވާބުދާރީވުމެވެ.
އެ ތިން މީހުންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.
ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ސިޔާސީ މަގުސަދެއްގައި ނުވަތަ މީހަކަށް ނުވަތަ ބަޔަކަށް ބިރުދެއްކުމުގެގޮތުން ނުވަތަ ބަޔެއްގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހަކު ނުވަތަ މީހުން މެރުމާއި ނުވަތަ އެފަދަ މަގުސަދެއްގައި މީހަކަށް ނުވަތަ ބަޔަކަށް ޖިސްމާނީ ގޮތުން ގެއްލުން ލިބޭ ފަދަ ކަމެއް ކުރުމާއި އެފަދަކަމެއް ކުރުމަށް އުޅުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައިފަ އެވެ.