06 Apr 2014, 14:39
ވަޒީފާގެ މާހައުލަށް ކުދިން އަހުލުވެރިކުރުމަށް ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ން ހިންގާ ތިންވަނަ އިންޓާންޝިޕް ޕްރޮގްރާމަށް ހޮވުނު ކުދިންނަށް ލިޔުން ހަވާލު ކޮށްފި އެވެ.
އެ ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިންޓާންޝިޕް ޕްރޮގްރާމަށް ހޮވުނު 10 ކުދިންނަށް ލިޔުން ހަވާލުކޮށްދެއްވީ، ކޮމިއުނިކޭޝަން މިނިސްޓްރީގެ ނައިބް މުހައްމަދު އަޝްމަލީ އެވެ.
އެންސީއައިޓީން ބުނީ، އެ ޕްރޮގްރާމަކީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ފުރުސަތު ހުޅުވާލި ޕްރޮގްރާމެއް ކަމަށާއި ޕްރޮގްރާމުގައި ބައިވެރިވުމަށް 20 އަށްވުރެ ގިނަ ކުދިން ކުރިމަތިލި ކަމަށެވެ. ނަމަވެސް އިންޓާންޝިޕް ޕްރޮގްރާމަށް ކުދިން ހޮވާފައިވަނީ އެކެޑެމިކް ގޮތުން އެންމެ ރަނގަޅު ކުދިން ބެލުމަށްފަހު ކަމަށް އެ ސެންޓަރުން ބުންޏެވެ.
"މިފަހަރު ހޮވުނު ކުދިންނަށް އެންސީއައިޓީގެ އެޑްމިން ދާއިރާ އާއި ޕްރޮޖެކްޓް އަދި އޮޕަރޭޝަން ދާއިރާގައި އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެންދާނެ. އަދި އެ އިންޓާންޝިޕް ޕްރޮގްރާމް ކުރިއަށްދާނީ ތިން މަހަށް. އަދި އެކުދިންނަށް އެލެވެންސް އެއްވެސް ލިބިގެންދާނެ،" އެންސީއައިޓީން މައުލޫމަތު ދިނެވެ.
ސާނަވީ ތައުލީމް ފުރިހަމަކޮށްފައި ތިބި ކުދިންނަށް ވަޒީފާގެ އަމަލީ މައިދާނުގައި މަސައްކަތްކުރުމުގެ ފުރުސަތު ފަހިކޮށްދީ ވަޒީފާގެ މާހައުލަށް ކުދިން އަހުލުވެރި ކުރުވުމަށް ފަށާފައިވާ އެ ޕްރޮގްރާމަށް ހޮވުނު ކުދިންނަށް، މާލެ އާއި އަތޮޅު ތަކުގައި ހުރި އެ ސެންޓަރުން ކުރާ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ސެންޓަރުން ބުންޏެވެ.
އެންސީއައިޓީން 2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އިންޓާންޝިޕް ޕްރޮގްރާމްގެ ދެ ޕްރޮގްރާމް މިހާތަނަށް ބާއްވައި 20 ކުދިން އިންޓާންޝިޕް ފުރިހަމަކޮށްފައިވެ އެވެ.