06 Apr 2014, 14:21
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ މީހުން ބޭއްތިއްބުމަށް، ޏ. ފުވައްމުލަކުގައި ކަސްޓޯޑިއަލް ފެސިލިޓީއެއް ހުޅުވައިފި އެެވެ.
ފުވައްމުލަކު ޕޮލިސް ސްޓޭޝަންގައި ގާއިމްކުރި އެ ފެސިލިޓީ ހުޅުއްވައިދެއްވީ، އިއްޔެ އެ ސްޓޭޝަންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަަނަރު ވިދާޅުވީ، ކުށްކުރާ މީހުން ފުލުހުންގެ ބަންދުގައި ބޭތިއްބުމަކީ ފުލުހުންނަށް ލިބިފައިވާ ގާނޫނީ ބާރެއް ނަމަވެސް، ފުވައްމުލަކުގައި ގާއިމްކުރި އެ ފެސިލިޓީ އަކީ ހުސްކޮށް ހުންނާނެ ތަނަކަށްވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި އެ އުއްމީދު ހާސިލްވެގެންދާނީ ހުރިހާ ފަރާތްތަކާއި ރަނގަޅަށް މުއާމަލާތްކޮށް، ކުށްކުރުމުން ދުރުކޮށް ޒިންމާދާރު ބައެއްގެ ގޮތުގައި ހެދިގެން ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.
"ރަށު ތެރެ ބެލެހެއްޓުން ވަރުގަދަކޮށް ކުށްކުރާ ފަރާތްތަކުގެ ކިބައިން މި އަތޮޅާއި މިއަތޮޅުގެ އެންމެހާ ރައްޔިތުން ސަލާމަތްކުރުމަށް އެފަދަ ފަރާތްތައް ކުށުގެ ވެށްޓާ ދުރުކޮށް ކަންކަމުގައި ޝާމިލުވާނޭގޮތަށް މަސައްކަތްތައް ބައްޓަންކޮށް ރަށުގެ އިސްފަރާތްތަކާއި ރައްޔިތުންނާ ގުޅިގެން މަސައްކަތްތައް ކުރެވިގެން،" ކޮމިޝަނާ ވިދާޅުވި އެވެ.
ރަސްމިއްޔާތުގައި ސައުތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ، އެ ފެސިލިޓީއަކީ ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ހޯދުމަށް މުހިއްމު ފެސިލިޓީއެއް ކަމަށާއި އެ ފެސިލިޓީ ގެ ސަބަބުން ފުލުހުންގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
ނޮވެމްބަރު 28، 2012 ގައި ހަދަން ފެށި އެ ފެސިލިޓީއަކީ ޖުމްލަ 10 ސެލް ހިމެނޭ ގޮތަށް އިމާރާތްކޮށްފައިވާ ތަނެކެވެ. އަދި އެތަނުގައި ޖުމްލަ 20 ގައިދީއަކު ބައިތިއްބެވޭނެ ކަމަށް ފުލުހުން ބުންޏެވެ.