06 Apr 2014, 13:56
ރައްޔިތުން މަޖިލިސް އިންތިހާބުގައި ހިތަދޫ މެދު ދާއިރާއަށް ކުރިމަތިލެއްވި ބައެއް ކެންޑިޑޭޓުން އާންމުނަށް ރިޝްވަތު ދީ އިންތިހާބަށް ނުފޫޒު ފޯރުވާފައިވާކަން ސާބިތުކުރުމަށްޓަކައި ފުލުހުންގެ އިންޓެލިޖެންސް މައުލޫމާތު ހޯއްދެވުމަށް އެ ދާއިރާއަށް ކުރިމަތިލެއްވި މުހައްމަދު ރަޝީދު (ހިޔަލީ) ހައި ކޯޓުގައި އެދިވަޑައިގެންފި އެވެ.
ހިތަދޫ މެދު ދާއިރާގެ އިންތިހާބު ބާތިލް ކޮށްދިނުމަށް އެދި ހިޔަލީ ޝަރީއަތަކަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ ޝަރީއަތް މިއަދު ވަނީ ބާއްވާފަ އެވެ. މި ޝަރީއަތުގައި ހިޔަލީގެ ގާނޫނީ ވަކީލް، އިބްރާހިމް ވަހީދު (ވައްޑެ) ވިދާޅުވީ އިންތިހާބަށް ނުފޫޒު ފޯރުވާފައިވޭތޯ ބެލުމަށް ފުލުހުންގެ އިންޓެލިޖެންސް މައުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ކަމަށެވެ. އިންޓެލިޖެންސްގައި އެފަދަ މައުލޫމާތު ހޯދަދޭން އެދުނު އިރު އެފަދަ މައުލޫމާތެއް ފުލުހުންގެ އަތުގައި ހުރިކަން އެނގޭތޯ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ސުވާލު ކުރެއްވުމުން ވައްޑެ ވިދާޅުވެފައިވަނީ ފުލުހުންގެ އަތުގައި އެފަދަ މައުލޫމާތެއް ހުރިކަން އެނގިވަޑައިގެންފައިނުވާ ކަމަށެވެ. ނަމަވެސް އިންތިހާބަށް ނުފޫޒު ފޯރުވާފައިވާކަން އިންޓެލިޖެންސް މައުލޫމާތުން އެނގެން އޮތް ކަމަށް އޭނާ ޝަރީއަތަށް ލިޔުމުން ހުށަހެޅި މައްސަލައިގަ ބުނެފައިވެ އެވެ.
އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި ފޯނު ކޯލްތަކާ އަދި އެހެނިހެން ގޮތް ގޮތުން މަސައްކަތް ކޮށްފައިވާކަން ސާބިތުކުރުމަށް ޝަރީއަތުން ފުލުހުންގެ އިންޓެލިޖެންސް މައުލޫމާތު ބެލުމާ މެދު ކޯޓުން މިއަދު ވަކި ގޮތެއް ނުނިންމަ އެވެ.
ޝަރީއަތުގައި ހިޔަލީގެ ވަކީލް ވިދާޅުވީ ހިތަދޫ މެދު ދާއިރާއަށް ކުރިމަތިލެއްވި އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ދީދީ އާއި އަމިއްލަ ގޮތުން ކުރިމަތިލެއްވި ހުސެއިން ސޯލިހް ފައިސާ އާއި މުދާ ރިޝްވަތުގެ ގޮތުގައި ބައެއް މީހުނަށް ދީފައިވާ ކަމަށެވެ. އަދި ބައެއް މީހުނަށް ވޯޓު ލުމުން މަހްރޫމް ކުރުމަށް އައްޑީ ކާޑު އަތުލައިފައިވާ ކަމަށެވެ.
އޭނާ ވަނީ އިންތިހާބަށް ނުފޫޒް ފޯރުވާފައިވާކަން ސާބިތުކޮށްދިނުމަށް ހެކިންގެ ގޮތުގައި 10 މީހެއްގެ ނަން ހުށަހަޅާފަ އެވެ. ނަމަވެސް އިބްރާހިމް ދީދީ ވެސް އަދި ހުސެއިން ސޯލިހް ސީދާ އެއްވެސް މީހަކަށް އެއްޗެއް ދީފައިވާކަން ހެކިން ދީފައިވާ ބަޔާނުގައި ބުނެފައިނުވާނެ ކަމަށް ވައްޑެ ވިދާޅުވި އެވެ.
މި ޝަރީއަތުގެ ތެރެއަށް ހިތަދޫ ދާއިރާގެ އިންތިހާބު ކާމިޔާބުކުރެއްވި އިބްރާހިމް ދީދީ ވަނީ ތަދައްހުލް ވެވަޑައިގެންފަ އެވެ. އޭނާ ފަރާތުން ވާހަކަ ދެއްކެވި ގާނޫނީ ވަކީލް އިބްރާހިމް ފަރީދު ވިދާޅުވެފައިވަނީ ޖިނާއީ ކުށެއްގެ ސާބިތުވެފައި ނުވަނީސް އެފަދަ ކުށެއްގެ ތުހުމަތެއްގައި އިންތިހާބު ބާތިލް ނުކުރެވޭނެ ކަމަށެވެ.
ހައިކޯޓުގެ ތިން ފަނޑިޔާރުން ބައްލަވާ އެ މައްސައިގެ ޝަރީއަތް މިއަދު ނިންމަވާލެއްވީ އިތުރު އަޑުހެމެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ހިތަދޫ މެދު ދާއިރާގެ ގޮނޑި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް މުހައްމަދުދީދީ ކާމިޔާބު ކުރެއްވީ 1099 ވޯޓު ހޯދައްވައިގެންނެވެ. އިންތިހާބު ބާތިލް ކުރަން ކޯޓަށް ހުށަހެޅުއްވި ހިޔަލީ އަށް ލިބިވަޑައިގަތީ 898 ވޯޓެވެ. އަދި އަމިއްލަގޮތުން ވާދަކުރެއްވި ހުސައިން ސާލިހަށް ލިބިވަޑައިގަތީ 554 ވޯޓެވެ.