06 Apr 2014, 13:05
ކްލަބު މޯލްޑިވްސް ކަޕުގައި ހުޅުމާލެ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަތުން ފަސޭހަކަމާއެކު އެންމެ ފަހުގެ ޗެމްޕިއަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މޮޅުވި އިރު، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާއި ވާދަކޮށް އެންމެ ފަހުގެ ރަނަރަޕް ސްޓޭޓް ޓްރޭޑިންގް އޯގަނައިސޭޝަން (އެސްޓީއޯ) ހަނި ތަފާތަކުން މޮޅުވެއްޖެ އެވެ.
ގްރޫޕް ފަހެއްގެ ފުރަތަމަ މެޗުން އެޗްޑީސީގެ މައްޗަށް އެމްޕީއެލް ކުރި ހޯދީ 6-0 ލަނޑުންނެވެ. އެމްޕީއެލްގެ މުހައްމަދު އައްޒާމް ހެޓްރިކެއް ފުރިހަމަކުރި އިރު، އެ ޓީމުގެ އަނެއް ތިން ލަނޑު ކާމިޔާބު ކޮށްދިނީ އަލީ ޝިފާއު (ރޮނާ) އާއި ހުޒައިފަތު ރަޝީދު އާއި އަހްމަދު އަފްރާދު (އަފޭ) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެޗުގައި ތިން ލަނޑު ކާމިޔާބުކުރި އެމްޕީއެލްގެ ޖާޒީ ނަންބަރު 13 އައްޒާމު އެވެ.
ގްރޫޕް ހަތެއްގައި އެމްއާރްޑީސީ އަތުން އެސްޓީއޯ މޮޅުވީ 4-3 ލަނޑުންނެވެ. އެމްއާރުޑީސީގެ ތިން ލަނޑު ކާމިޔާބު ކޮށްދިނީ އިސްމާއިލް އީސަ އެވެ. އެސްޓީއޯގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ޝައިހާން އަލީ އާއި ނާސިހު އަލީ (ގޯގާ) އާއި އިމްރާން މުހައްމަދު (އިންމި) އެވެ. މެޗުގައި އިންމިގެ ފަރާތުން ދެ ލަނޑު ފެނިފައިވެ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއާރުޑީސީގެ ޖާޒީ ނަންބަރު 10 އީސަ އެވެ.
މުބާރާތުގައި އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އަތުން އެލައިޑް އިންޝުއަރެންސް 5-0 ލަނޑުން މޮޅުވި އިރު، ރައީސް އޮފީސް އަތުން ކަސްޓަމްސް މޮޅުވީ 4-2 ލަނޑުންނެވެ. 2-0 ލަނޑުން އެމްޑަބްލިޔުއެސްސީ އަތުން އިމިގްރޭޝަން މޮޅުވި އިރު، އެންޓި ކޮރަޕްޝަން އަތުން ދިރާގު މޮޅުވީ 7-0 ލަނޑުންނެވެ. އަދި އީޕީއޭ އަތުން އޭވިއޭޝަން ސެކިއުރިޓީ މޮޅުވީ 2-1 ލަނޑުންނެވެ.