އެފްރިކާގެ ގައުމެއް ކަމަށްވާ ޔޫގެންޑާގައި ހަމީހުން ކާލައިގެން ފިލި ކިނބުލެއް ހިފައިފި އެވެ.

ޔޫގެންޑާގެ ވަލު ޖަނަވާރާ ބެހޭ އޮފިޝަލުން އެކިނބޫ ހިފީ ލޭކް ވިކްޓޯރިއާ ނަމަކަށް ކިޔާ ކުޅިއެއްގެ ކައިރީގައިވާ ކަކީރާ އަވަށުގެ މީހުންގެ ޝަކުވާ ލިބިގެން ކަމަށް ޑެއިލީމެއިލް ބުންޏެވެ.

ދުނިޔޭގައި މިހާތަނަށް ހިފާފައިވާ އެންމެ ބޮޑު ކިނބުލަށް ވުރެ ކުޑަ ތަންކޮޅެއް ކުޑަ އެކިނބުލުގެ ދިގުމިނުގައި 18 ފޫޓް ހުރި ކަމަށާ ބަރުދަނުގައި ޓަނެއް ހުރި ކަމަށް ވެސް އެނޫސް ބުންޏެވެ. ދުނިޔޭގައި މިހާތަނަށް ހިފާފައިވާ އެންމެ ބޮޑު ކިނބުލުގެ ގޮތުގައި ރެކޯޑްކޮށްފައި ވަނީ ފިލިޕީންސްގައި ހިފި 21 ފޫޓް ދިގު ކިނބުލެކެވެ.

ހަމީހުން ކާލުމުގެ އިތުރުން އެކިނބޫ ވަނީ އެތައް ބަޔަކު ޒަހަމްވެސް ކޮށްލާފަ އެވެ. ޔޫގެންޑާގެ ވަލުޖަނަވާރާ ބެހޭ އޮފިޝަލުން ކިނބޫ ހިފީ ބުޅިއެއްގައި ވަރަށް ބޮޑު އެއްގަމު މަސްގަނޑެއް އަޅުވައިގެންނެވެ. ކިނބޫ ހިފައި ރަނގަޅަށް ބަނދެލުމުން އޭތި ބަލަން ކަކީރާ އަވަށުގެ އެތައް ސަތޭކަމީހުންނެއް އެއްވި އެވެ.

ޓްރަކަކަށް އަރުވައިގެން އެކިނބޫ މިހާރު ވަނީ ޔޫގެންޑާގެ މާޗިއަން ނެޝަނަލް ޕާކަށް ގެންގޮސްފަ އެވެ.

ކަނޑުގެރިއާއި ސިންގާއަށް ފަހު އެފްރިކާގެ ގައުމުތަކުގައި އެންމެ ނުރައްކާތެރި ކަމަށް ބެލެވިފައި ވަނީ ކިނބުލެވެ. އެގޮތުން އަހަރަކު 275 އާ 745 އާ ދެމެދުގެ އަދަދަކަށް ކިނބޫ މީހުންނަށް ހަމަލާ ދިނުމުގެ ހާދިސާތައް ހިނގައެވެ. އަދި އެފަދަ ގިނަ ހާދިސާތަކުގައި މީހުން މަރުވެއެވެ.