06 Apr 2014, 12:33
މާލެ ސަރަހައްދުގައި ތެޔޮ ރައްކާކުރާ ކ. ފުނަދޫ ގައި ތެޔޮ ރައްކާކުރަން އިތުރު ތިން ޓޭންކެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެސްޓީއޯއިން ބުނެފި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ތެޔޮ ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން ތިން ޓޭންކެއް ހެދުމަށް ނިންމާފައިވާކަމަށް ވިދާޅުވި އެވެ.
"ފުނަދޫގައި އަނެއްކާވެސް އަޅުގަނޑުމެން މި ބަންނަނީ ތިން ޓޭންކެއް، އެއީ މިހާރު ތެލުގެ ރިޒާވް ދަށްވާ ރޭޓޫން ދަށްވާނަމަ ފަހުން އުނދަގޫތަކެއް އައިސްދާނެ، އަޅުގަނޑުމެން މި ވިސްނަނީ ކުރިއާލައި އެކަން ކުރަން،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކުރިއަށް އޮތް ތިން މަހެއްގެ ތެރޭގައި އެ ޓޭންކުތައް ހަދައި ނިމޭނެ ކަމަށެވެ.
އާޒިމް އިތުރަށް ވިދާޅުވީ ފުނަދޫގެ ސެކިއުރިޓީ ރަނގަޅު ކުރުމަށްވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން އެރަށް ވަށައިގެން ފެންސް ޖެހުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށެވެ.
އޭގެ އިތުރުން ފުނަދޫއަށް ތެޔޮ ބޯޓް ކައިރި ކުރާ ބަނދަރަށް ބޮޑެތި ބޯޓުތަކަށް ބަނދަރު ކުރެވޭގޮތަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
"މިހާރު ކައިރިކުރެވެނީ 8000 ޓަން ވަރު، އަޅުގަނޑުމެން އެތަން ބޮޑުކުރަނީ 15000، 16000 ޓަނުގެ ބޯޓްތައް ކައިރިކުރެވޭވަރަށް،" އާޒިމް ވިދާޅުވި އެވެ.
މިހާރު ފުނަދޫއަކީ ވެސް 30 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެކެވެ.