ސަރުކާރުގެ އަމާޒަކީ، ރާއްޖޭގައި ހާލުގައި ޖެހޭ އަދި ޖެހިފައިވާ ހުރިހާ ރައްޔިތުންނަށް ވެސް ރަނގަޅު ގޮތްތައް ހޯދައިދެވޭތޯ މަސައްކަތް ކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިއަދު ވިދާޅުވެއްޖެ އެވެ.


ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެ މަނިކުފާނުގެ ރޭޑިއޯ ޚިތާބުގައި 26 ޑިސެމްބަރުގައި ފާހަގަކުރާ އެއްބައިވަންތަކަމުގެ ދުވަހާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
"ސުނާމީގައި ހާލުގައި ޖެހުނު ފަރާތްތަކަށް ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ގެތަކުގެ  ތެރެއިން 50 ގެއެއްގެ މަސައްކަތް ފިޔަވައި އެހެން ހުރިހާ ގެއެއް އެޅުމުގެ މަސައްކަތް ވެސް ވަނީ ނިމުމުގެ އެކި މަރުޙަލާގައި. މިދެންނެވި 50 ގެއަށް ބޭނުންވާ ފައިސާ ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައި." ރައީސް ނަޝީދު ވިދާޅުވި އެވެ.
 ޑިސެމްބަރު 26 އަކީ ދިވެހި ރާއްޖެ އަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ޤުދްރަތީ ކާރިސާގެ ސަބަބުން އެކި ގޮތް ގޮތަށް ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަން ފާހަގަކުރުމުގެ ގޮތުން، އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމަށް ކަނޑައަޅާފައިވާ ދުވަހެވެ.
މިއަހަރު ވެސް މި ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި އެކިއެކި ޙަރަކާތްތައް ހިންގޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ޕްރޮގްރާމްތަކުގެ ތެރޭގައި ހިންގުމަށް ހަމަޖެހިފައިވާ އެންމެ މުހިންމު އެއް ޙަރަކާތަކީ، މިއަންނަ އާދީއްތަ ދުވަހު ހެނދުނު 9.20 ގައި "ޤައުމީ އެއްބައިވަންތަކަމުގެ ސުކޫތު"ގެ ނަމުގައި، ހަމަހިމޭންކަމުގެ އެއް މިނެޓުގެ ސުކޫތެއް ގެނައުމެވެ. މިސުކޫތުގައި ބައިވެރިވެވަޑައިގެންނެވުމަށް، އެބޭފުޅަކު ހުންނެވި ޢިމާރާތަކުން ބޭރަށް، މަގުމައްޗަށް 9.10 ގައި ނިކުމެވަޑައިގެންނެވުމަށް ފަހު، 9.20 ގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.