06 Apr 2014, 12:23
ފްރާންސްގެ ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ) ގެ ކުޅުންތެރިން ވިސްނަމުން ދަނީ ޗެމްޕިއަންސް ލީގުގައި އިނގިރޭސި ވިލާތުގެ ޗެލްސީއާ ދެކޮޅަށް ނުކުންނަ މެޗަށް ކަމުގައި އެކްލަބުގެ ކޯޗު ލޯރެންޓް ބްލޭންކް ބުނެފި އެވެ.
ފްރެންޗް ލީގުގައި ރޭމްސްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ފްރާންސް ޗެމްޕިއަނުން ވަނީ ފަސޭހަކަމާއެކު 3-0 ލަނޑުން މޮޅުވެފަ އެވެ. މެޗުގައި ޕީއެސްޖީގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ އެޑިންސަން ކަވާނީ އާއި އައިސާ މަންޑި އެވެ. މަންޑިގެ ފަރާތުން ދެ ލަނޑު ފެނިފައިވެ އެވެ.
އަންނަ އަންގާރަ ދުވަހު ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު، ފުރަތަމަ ލެގުގައި ޕީއެސްޖީ ވަނީ 3-1 ލަނޑުން މޮޅުވެފަ އެވެ.
"ކޮންމެ މެޗަކީ ވެސް މުހިންމު މެޗެއް، ނަމަވެސް އަހަރެމެން މިވަގުތު ވިސްނަމުން މިދަނީ ޗެމްޕިއަންސް ލީގު މެޗަށް. ހުރިހާ ކުޅުންތެރިންގެ ވިސްނުން ވެސް ހުރީ ހަމަ މިގޮތަށް،" ބްލޭންކް ބުންޏެވެ. "މި ކަހަލަ މެޗުތަކަށް ނުކުންނަ އިރު، ވިސްނުން ރަނގަޅަށް ބަހައްޓަން ޖެހޭނެ. ލީގުގައި ލިބުނު ކާމިޔާބު ވަރަށް ރަނގަޅު."
ޗެލްސީގެ ސްޓެމްފަޑް ބްރިޖުގައި އަންނަ އަންގާރަ ދުވަހުގެ ރޭ އެޓީމާ ދެކޮޅަށް ޕީއެސްޖީ ނުކުންނާނީ ރާއްޖޭ ގަޑިން 11:45 ގަ އެވެ.