06 Apr 2014, 12:19
ސްޕެއިން ޗެމްޕިއަން ބާސެލޯނާ އިން ވިސްނަންވީ ފީފާގެ ނިންމުމާ މެދު ނޫން ކަމަށާއި އެ ކްލަބުން ވިސްނަންވީ ސީޒަނުގައި ރަނގަޅު ކުޅުމެއް ދެއްކުމަށް ކަމުގައި ބާސާގެ ސްޕެއިން މިޑްފީލްޑަރު ޕެޑްރޯ ބުނެފި އެވެ.
ބާސާއަށް 18 އަހަރުން ދަށުގެ ކުޅުންތެރިން ހޯދުމުގައި އެ ކްލަބުން ފީފާގެ ގަވާއިދުތަކާ ވަރަށް ބޮޑަށް ހިލާފުވެފައިވާ ކަމަށްބުނެ، ފީފާއިން ވަނީ، 14 މަސްދުވަހުގެ މުއްދަތަށް ބާސާއަށް ކުޅުންތެރިން ގަތުން މަނާކޮށްފަ އެވެ.
"އަހަރެމެންނަށް އައިސްފައި މިވަނީ ވަރަށް އުނދަގޫ ދުވަސްތަކެއް. އެކަމަކު އަހަރެމެން ބަލާނީ ދަނޑު މަތީގައި އެންމެ ރަނގަޅު ކުޅުން ދެއްކޭތޯ،" ޕެޑްރޯ ބުންޏެވެ. "އަހަރެމެން ވިސްނަންވީ ކުރިއަށް ހުރި މެޗުތަކާ މެދު، އަހަރެމެން ބަލަންވީ ހަމަޖެހިގެން ފަހަރަކު މެޗަކުން މޮޅުވުމަށް."
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް ބެޓިސް އަތުން 3-1 ލަނޑުން ބާސާ މޮޅުވި މެޗުގައި އެ ޓީމުގެ ސަޕޯޓަރުންގެ ފަރާތުން ކްލަބާއި ދެކޮޅަށް އަޑު އުފުލާފައިވެ އެވެ.
"އެމީހުން ބޭނުންވާ އެއްޗަކީ ކޮބައިކަން އެމީހުންނަށް އެނގޭނެ. އަހަރެންނަށް ހީވަނީ ދެވަނަ ހާފުގައި އަހަރެމެންނަށް ކުޅުން ފަސޭހަ ކޮށްލެވުނީ ހެން، ނަމަވެސް އަހަރެމެންނަށް ލިބުނު ކާމިޔާބީއާ މެދު އުފާކުރަން. ބެޓިސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ. އެންމެ މުހިންމު ކަމަކީ ނަތީޖާ." ޕެޑްރޯ ބުންޏެވެ.
ސްޕެނިޝް ލަލީގާގެ ގަދަ ތިނެއްގައި އޮތް ތިން ޓީމު ވެސް ރޭ ވަނީ މޮޅުވެފަ އެވެ. ލީގުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ދެވަނައިގައި އޮތް ބާސާއާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތެވެ. އަދި ތިންވަނައިގައި އޮތް ރެއާލް މެޑްރިޑާއި ބާސާއާ ދެމެދު އޮތީ ދެ ޕޮއިންޓްގެ ތަފާތެކެވެ.