06 Apr 2014, 12:17
ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލުގެ ގަދަ ތިނެއްގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ބާސެލޯނާ އަދި ރެއާލް މެޑްރިޑް ރޭ ކުޅުނު މެޗުތަކުން މޮޅުވެއްޖެ އެވެ.
ލީގުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ އަމިއްލަ ދަނޑުގައި ރޭ ވިޔަރެއާލް އަތުން މޮޅުވީ ހަނި ތަފާތަކުންނެވެ. 1-0 ލަނޑުން ނިމުނު މެޗުގައި އެތުލެޓިކޯގެ ހަމައެކަނި ލަނޑު 14 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ސްޕެއިން މިޑްފީލްޑަރު ރައުލް ގާސިއާ އެވެ. މެޗުގައި ވިޔަރެއާލްގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިފައިވެ އެވެ.
ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމްގައި ރޭ ރެއާލް ބެޓިސް އަތުން މޮޅުވީ 3-1 ލަނޑުންނެވެ. މެޗުގެ 15 ވަނަ މިނިޓްގައި ބާސާގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ އާޖެންޓީނާ ތަރި ލިއޮނެލް މެސީ އެވެ.
މެޗުގެ 67 ވަނަ މިނެޓްގައި ބެޓިސްގެ ޔޯޑީ ފިގުއެރާސް މޮންޓެލް އަތުން ބައިކޮޅަށް ލަނޑެއް ވަތް ނަމަވެސް އޭގެ މިނިޓެއް ފަހުން ރުބެން ކާސްޓްރޯ ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބު ކޮށްދީފަ އެވެ. މެޗުގައި ބާސާގެ ފަހު ލަނޑު 86 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން މެސީ އެވެ.
ރެއާލް ސޮސިއެޑާޑްގެ އެސްޓޭޑިއޯ އަނޮއެޓާގައި ކުޅުނު މެޗުން ރެއާލް މެޑްރިޑް މޮޅުވީ 4-0 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ރެއާލްގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ ސްޕެއިން މިޑްފީލްޑަރު އަސިއާ އިޔަރަމެންޑި އެވެ.
މެޗުގެ 66 ވަނަ މިނެޓްގައި ރެއާލްގެ ދެވަނަ ލަނޑު ވޭލްސް މިޑްފީލްޑަރު ގެރެތު ބޭލް ކާމިޔާބު ކޮށްދިން އިރު، ރެއާލްގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޕޯޗުގަލް ޑިފެންޑަރު ޕެޕޭ އެވެ. އަދި މެޗު ނިމެން ދެ މިންޓަށް ވެފައި ވަނިކޮށް ރެއާލްގެ ފަހު ލަނޑު ކާމިޔާބު ކޮށްދިނީ ސްޕެއިން ފޯވަޑް އަލްވާރޯ މޮރާޓޯ އެވެ.
ސްޕެނިޝް ލަލީގާގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ދެވަނައިގައި އޮތް ބާސާއާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތެކެވެ. އަދި ތިންވަނައިގައި އޮތް ރެއާލް މެޑްރިޑާއި ބާސާއާ ދެމެދު އޮތީ ދެ ޕޮއިންޓްގެ ތަފާތެވެ.