06 Apr 2014, 12:14
އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނަ އަށް ވަގުތީ ގޮތުން ޗެލްސީ އެރިއިރު، މެންޗެސްޓާގެ ދެ ކްލަބަށް ފަސޭހަ މޮޅެއް ލިބިއްޖެ އެވެ.
ލީގުގައި ރޭ އަމިއްލަ ދަނޑުގައި ސްޓޯކް ސިޓީ އަތުން ޗެލްސީ މޮޅުވީ 3-0 ލަނޑުންނެވެ. މޮޅު ކުޅުމެއް ފެނިގެންދިޔަ ޗެލްސީގެ ފުރަތަމަ ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މިސްރު ފޯވަޑް މުހައްމަދު ސަލާހު އެވެ. މެޗުގެ 61 ވަނަ މިނެޓްގައި ފްރޭންކް ލަމްޕާޑް ފޮނުވާލި ޕެނަލްޓީ ސްޓޯކްގެ ކީޕަރު އަސްމިރް ބެގޮވިޗް ދިފާއު ކުރި ނަމަވެސް ލަމްޕާޑް ވަނީ އަނބުރާ ލިބުނު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ޗެލްސީގެ ފަހު ލަނޑު މެޗުގެ 72 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ބްރެޒިލް މިޑްފީލްޑަރު ވިލިއަން އެވެ. މި މެޗުގައި ސްޓޯކް އަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިފައިވެ އެވެ. ނަމަވެސް އެ ހަމަލާތަކުގެ ހުރަހަކަށްވީ ޗެލްސީގެ ޗެކް ރިޕަބްލިކް ގޯލް ކީޕަރު ޕީޓާ ޗެކް އެވެ.
ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކުގައި ރޭ މެންޗެސްޓާ މޮޅުވީ 4-0 ލަނޑުންނެވެ. ނިއުކާސަލްގެ ކޮޅަށް ފުރަތަމަ ދެ ލަނޑު ކާމިޔާބު ކޮށްދީ އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ޗެލްސީގެ ކުރީގެ މިޑްފީލްޑަރު ހުއާން މަޓާ އެވެ. މަޓާގެ ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ހާފު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ފެނުނު އިރު، ދެވަނަ ލަނޑު ފެނުނީ ދެވަނަ ހާފު ފެށިތާ ފަސް މިނެޓް ފަހުންނެވެ.
މެޗުގެ 64 ވަނަ މިނެޓްގައި މެކްސިކޯ ފޯވަޑް ހާވިއާ ހެނާންޑޭޒް ޔުނައިޓެޑްގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިން އިރު، އެ ޓީމުގެ ފަހު ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ އަދްނާން ޔަނޫޒާ އެވެ. މެޗުގައި ޔުނައިޓެޑް ޓީމުން ގިނައިން ފެނިފައި ވަނީ މި ސީޒަނުގައި އެ ޓީމުގެ ބެންޗުން ފެންނަމުންދާ ކުޅުންތެރިންނެވެ.
އަމިއްލަ ދަނޑުގައި ސައުތެމްޓަން އަތުން މެންޗެސްޓާ ސިޓީ މޮޅުވީ 4-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޕެނަލްޓީ ފެނުނު އިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތު ކޮޅުގައި ދެ ލަނޑު ފެނިފައިވެ އެވެ. މެޗުގެ ތިންވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ސިޓީގެ އައިވަރީ ކޯސްޓް މިޑްފީލްޑަރު ޔާޔާ ޓޫރޭ ލީޑު ނަގައިދިން އިރު، މެޗުގެ 37 ވަނަ މިނެޓްގައި ސައުތެމްޓަން އަށް ލިބުނު ޕެނަލްޓީ އިން އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރިކީ ލެމްބާޓް އެވެ.
މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތު ކޮޅުގެ ތެރޭގައި ސިޓީ އިން ދެ ލަނޑު ކާމިޔާބުކުރި އިރު، ފުރަތަމަ ލަނޑު ޖަހައިދިނީ ފްރާންސް މިޑްފީލްޑަރު ސާމިރް ނަސްރީ އެވެ. އަދި ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ބޮސްނިއާ ފޯވަޑް އެޑިން ޖެކޯ އެވެ. މެޗުގައި ސިޓީ އިން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 81 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ މޮންޓެނީގްރޯ ފޯވަޑް ސްޓީވަން ޖޮވެޓިޗް އެވެ.
ޕްރިމިއާ ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، އެސްޓަން ވިލާ އަތުން 2-1 ލަނޑުން ފުލަމް މޮޅުވި އިރު، ސްވަންސީ އަތުން ހަލް ސިޓީ މޮޅުވީ 1-0 ލަނޑުންނެވެ. ކާޑިފް އަތުން 3-0 ލަނޑުން ކްރިސްޓަލް ޕެލަސް މޮޅުވި އިރު، ނޮވިޗް އަތުން ވެސްޓް ބްރޮމް މޮޅުވީ 1-0 ލަނޑުންނެވެ.
ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލައިލާ އިރު، 33 މެޗުން ލިބުނު 72 ޕޮއިންޓާ އެކު އެއް ވަނައިގައި ޗެލްސީ އޮތް އިރު، 32 މެޗުން ލިބުނު 71 ޕޮއިންޓާއެކު ދެ ވަނައިގައި އޮތީ ލިވަޕޫލް އެވެ. ކުޅުނު 31 ލިބުނު 70 ޕޮއިންޓާއެކު ލީގުގެ ތިން ވަނައިގައި މެންޗެސްޓާ ސިޓީ އޮތް އިރު، 32 މެޗުން ލިބުނު 64 ޕޮއިންޓާއެކު ލީގުގެ ހަތަރު ވަނައިގައި އޮތީ އާސެނަލް އެވެ.