މިހާރު ކުރާ ވިއްސާރައާ ގުޅިގެން މޯލްޑިވްސް މީޓިއޮރޮލިޖަކަލް ސާވިސް ސެންޓަރު (މެޓް) އޮފީހުން ޔެލޯ އެލާޓް ނެރެފި އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ޔެލޯ އެލާޓް ނެރުނީ ދެކުނާއި މެދުރާއްޖެތެރެއަށް ގުގުރުމާއެކު ބޯކޮށްވާރެވެހޭނެތީ ކަމަށެވެ. ނަމަވެސް ދެކުނަށް މާބޮޑަށް ވިއްސާކުރާނެ ކަމަށް ނުބެލެވޭ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ކޮޅިގަނޑުގައި 30 މޭލަށް ވައިގަދަވާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް އާންމުގޮތެއްގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މެޓު އޮފީހުން ބުނީ އޭޕްރީލް މަހަކީ ދެމޫސޫން ބަދަލުވާ މަހަށް ކަމަށް ވާތީ މިދުވަސްކޮޅު އާންމުކޮށް ވިއްސާރަ ކުރާނެ ކަމަށެވެ. ނަމަވެސް އާންމުކޮށް ވިއްސާރަ ކުރާނެ ކަމަށް ބެލެވެނީ މޭ މަހު ކަމަށެވެ.