06 Apr 2014, 10:57
ގާހިރާ (އެޕްރީލް 6): މިސްރުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ އަސްވާންގެ އަވަށްތަކުގައި ހިނގި ދެ ގަބީލާއެއްގެ ތަޅާފޮޅުންތަކުގައި 23 މީހުން މަރުވެ ގިނައަދަދެއްގެ ބަޔަކު ޒަޚަމްވުމާ ގުޅިގެން މިސްރުގެ ބޮޑުވަޒީރު އެސަރަހައްދަށް ވަޑައިގެންފި އެވެ.
މިސްރު ސަރުކާރު ބުނާގޮތުން ދެގަބީލާއެއްގެ ތަޅާފޮޅުންތައް ހިނގި އަސްވާނުގެ އަވަށްތަކުގައި ސިފައިންގެ ލަޝްކަރެއް ރުކުރުވާލުމުގެ އިތުރުން އެމައްސަލަ ހައްލުކުރުމަށްޓަކައި ބޮޑުވަޒީރު އިބްރާހީމް މަހްލަބް އިއްޔެވަނީ އަސްވާނަށް ވަޑައިގެންފަ އެވެ. ސިފައިންގެ ލަޝްކަރެއް ރުކުރުވާލީ އަސްވާންގެ ތަޅާފޮޅުންތައް ކޮންޓްރޯލްކުރުމުގައި ފުލުހުން ނާކާމިޔާބުވުމުން ސިފައިން ލައްވައި ތަޅާފޮޅުންތައް ހުއްޓުވައި ސުލްހަ ގާއިމްކުރުމުގެ މަގްސަދުގަ އެވެ. އަސްވާނުގައި ތަޅާފޮޅުންތައް ހިންގި ދެ ގަބީލާއަކީ ހިލާލިއްޔާ ގަބީލާއާއި ނޫބިއްޔާ ގަބީލާ އެވެ.
މިދެގަބީލާގެ މީހުންގެ މެދުގައި ތަޅާފޮޅުންތައް ހިނގައި ލޭ އޮހޮރުވަމުންދާތާ ވަނީ ދެތިން ދުވަސް ވެފަ އެވެ. އަސްވާނަކީ މިސްރުގެ ރަށްފުށުގެ ހިސާބެއް ކަމަށްވާ ސައީދު ސަރަހައްދުގެ ސިޓީއެކެވެ. މިއީ ރަށްފުށުގެ އެހެން ސަރަހައްދުތަކަށް ވުރެވެސް އާންމުންގެ ހޭލުންތެރިކަން ކުޑަ، ތައުލީމީ މީހުންމަދު އަދި ގަބަލީގޮތްގަނޑު ބޮޑު ސަރަހައްދެކެވެ.
ހިލާލިއްޔާ ގަބީލާއާއި ނޫބިއްޔާ ގެ މީހުންގެ މެދުގައި އުފެދުނު ތަޅާފޮޅުންތަކުގެ ފަހަތުގައިވަނީ މިސްރުގައި މިހާރު ހިނގަމުންދާ ސިޔާސީ ކޯޅުންތަކާއި ފިތުނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިގޮތުން ތަޅާފޮޅުންތައް އުފެދުނީ ސިޔާސީ ޒުވާބެއްގެ ތެރެއިން ކަމަށް ރިޕޯޓެއް ބުނެއެވެ. މިސްރުގެ މުޖްތަމައު މިހާރުވަނީ އެގައުމުގެ ވެރިކަމަށް ކުރިމަތިލައްވާފައިވާ ސިފައިންގެ ކުރީގެ ވެރިޔާ އަބްދުލްފައްތާޙް އައްސީސީ އަށް ތާއީދުކުރާ ފަރާތްތަކާއި އޭނާއާ އިދިކޮޅު ޚިޔާލު ގެންގުޅޭ ފަރާތްތަކާ އެކު ދެބަޔަކަށް ބެހި ވަރަށް ބޮޑަށް ފިތުނަވެރިވެފަ އެވެ.
އަސްވާނުގެ ގަބަލީ ހަމަނުޖެހުންތަކާ ގުޅިގެން މިސްރުގެ ބޮޑުވަޒީރު ގެންދަވަނީ އެ ސިޓީއަށް ވަޑައިގެން ހިލާލިއްޔާ ގަބީލާއާއި ނޫބިއްޔާ ގަބީލާގެ އިސްވެރިންނާ ބައްދަލުކުރައްވައި މަސްރަހު ފިނިކުރުމަށް މަސައްކަތް ކުރައްވަމުން ކަމަށް މިސްރު ސަރުކާރުން ބުނެއެވެ. (އަލްޖަޒީރާ)