06 Apr 2014, 10:57
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހީމަށް އެންމެ ފަހުން ލިބިވަޑައިގެންނެވި ދަރިކަނބަލުންނަށް ނަން ކިއުމުގެ ހަފުލާގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ވަގުތީ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.
ގާސިމްގެ ގެކޮޅު މ. މާފަންނުވިލާގައި ރޭ ބޭއްވި އެހަފުލާގައި ރައީސް ނަޝީދު އަރިހުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބުރާހީމް މުހައްމަދު ސޯލިހާއި އެޕާޓީއަށް ނިސްބަތްވާ ބައެއް ޕާލަމެންޓް މެމްބަރުން ބައިވެވަޑައިގެންނެވިއެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެމްޑީޕީގެ އިސްވެރިންގެ އިތުރުން ވެރިކަން ކުރާ ޕީޕީއެމްގެ ވެސް ދެތިން ބޭފުޅުން ބައިވެވަޑައިގެންނެވިއެވެ.
ގާސިމްގެ އަމިއްލަފުޅު މިފަދަ ހަފުލާއެއްގައި އެމްޑީޕީގެ އިސްބޭފުޅުން ބައިވެވަޑައިގެންފައި ވާއިރު ޖުމްހޫރީޕާޓީއާއި އެމްޑީޕީއަކީ ސިޔާސީ މައިދާނުގައި ވަރަށް ބޮޑު ވާދަވެރިކަން އޮތް ދެޕާޓީއެވެ.
ސަރުކާރު ހިންގާ ކޯލިޝަންގައި ޖޭޕީ ހިމެނުނު ކަމުގައި ވިޔަސް ކޯލިޝަނަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗްގައި މިދިޔަ ހަފުތާގައި ބޭއްވި ހަފުލާގައި ގާސިމް ބައިވެވަޑައެއް ނުގަންނަވައެވެ.