ކާބުލް : އަފްޣާނިސްތާނުގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ރައްޔިތުންގެ ތެރެއިން 58 އިންސައްތަ އަށްވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް އެގައުމުގެ އިންތިޚާބުތަކާބެހޭ ކޮމިޝަނުން ބުނެފިއެވެ.

އެކޮމިޝަން ބުނާގޮތުން ވޯޓަށް ހުރަސް އަޅާނެ ކަމަށްބުނެ ތާލިބާނުންގެ ހަރުކަށި އިންޒާރުތައް ދީފައިވީނަމަވެސް ކާބުލްގައާއި އެހެން ސްޓޭޓްތަކުގައިވެސް ރައްޔިތުންގެ ގިނަބަޔަކުވަނީ ވޯޓު ލުމަށް ނުކުމެ ވޯޓު ފޮށިތަކުގެ ކައިރީގައި ކިޔުހަދާފައެވެ. އަދި ރޭއިރާކޮޅުގެ ވަގުތެއްގައި ވޯޓުލުން ނިމިފައިވާއިރު ވޯޓުލުމުގެ ހައްގު ލިބިފައިވާ ރައްޔިތުންގެ ތެރެއިން 58 އިންސައްތަ އަށްވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށްވެސް އެކޮމިޝަނުން ބުނެއެވެ. މިގޮތުން އަފްޣާން އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 12 މިލިޔަން މީހުންނަށް ލިބިފައިވާއިރު 7 މިލިޔަނަށްވުރެ ގިނަމީހުން ވޯޓުލާފައިވާކަން ލިޔެކިޔުންތަކުން ދައްކާކަމަށް އެކޮމިޝަންގެ ރައީސް އަހްމަދު ޔޫސުފް ނޫރިސްތާނީ ވިދާޅުވިއެވެ. ވޯޓުލީ މީހުންގެ ތެރެއިން ތިންބައިކުޅަ ދެބައަކީ ފިރިހެނުން ކަމަށާ ތިންބައިކުޅަ އެއްބަޔަކީ އަންހެނުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަފްޣާނިސްތާނުގެ ރައީސް ހާމިދު ކަރުޒާއި ވަނީ ވޯޓަށް ރައްޔިތުން ދިން ތަރުޙީބަކީ އިދިކޮޅު ތާލިބާނުންގެ ހަރުކަށި އިންޒާރުތަކަށް ރައްޔިތުން ގަބޫލުނުކުރާ ކަމާއި އެއިންޒާރުތަކަށް ރައްޔިތުންދިން ވަރުގަދަ ރައްދެއް ކަމަށް ސިފަކުރައްވައި އެކަމަށްޓަކައި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަފްޣާން ރިޔާސީ އިންތިޚާބާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލުންވެސް ކުރިޔަށްދިޔައެވެ. ނަމަވެސް މިދެ އިންތިޚާބަށް ވޯޓުލާފައިވަނީ ދެފޮށްޓަށެވެ.

މިއީ އަފްޣާނިސްތާނުގެ ވެރިކަން އިންތިޚާބަކުން ބަދަލުވެގެންދާނެ ކަމުގެ ޔަގީންކަމާއެކު ވޯޓުލާ ފުރަތަމަ ފަހަރެވެ. މިއިންތިޚާބުގައި 8 ކެންޑިޑޭޓަކު ވާދަކުރައްވާއިރު މީގެތެރެއިން އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރްސަތު ބޮޑީ އެންމެ 3 ކެންޑިޑޭޓުންނަށްކަން ސާވޭތަކުން ދައްކާފައިވެއެވެ. އެއީ ކުރީގެ ޚާރިޖީ ވަޒީރުކަން ކުރައްވާފައިވާ ދެބޭފުޅުން ކަމަށްވާ ޢަބްދުﷲ އަބްދުﷲ އާއި ޒަލްމާއި ރަސޫލް އާއި ކުރީގެ މާލީ ވަޒީރެއްކަމަށްވާ އަޝްރަފް ޣާނީ އަހްމަދު ޒާއި އެވެ. މިފަހަރުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރްސަތު މިހާރުގެ ރައީސް ހާމިދުކަރުޒާއި އަށް ލިބިފައެއް ނުވެއެވެ. ކޭންޕޭން އެންމެ ވަރުގަދަ ވެފައި އިންތިޚާބަށް އެންމެ ބޮޑަށް ޚަރަދު ކުރައްވަނީ އަބްދުﷲ އަބްދުﷲ ކަމަށް ޚަބަރުލިބެއެވެ.

އަފްޣާން ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ވެރިރަށް ކާބުލްގައާއި އަފްޣާނިސްތާނުގެ ހުރިހާ ސްޓޭޓްތަކެއްގައި ސަލާމަތީ ފިޔަވަޅުތައް އާދަޔާ ޚިލާފަށް ވަރުގަދަކޮށްފައިވީނަމަވެސް ކުންދުޒްގެ އިންތިޚާބާބެހޭ މަރުކަޒަކަށް ތާލިބާނުން ރޮކެޓުން ދިން ހަމަލާތަކެއްގައި 6 މީހުން މަރުވެ އެތަށްބަޔަކު ޒަޚަމްވެފައިވެއެވެ. މި 6 މީހުންގެ ތެރެއިން 3 މީހުންނަކީ އިންތިޚާބީ އޮފިޝަލުންނެވެ. އަނެއް ތިންމީހުންނަކީ އަފްޣާން ސިފައިންނެވެ. އަދި ތާލިބާނުންނާ ދެކޮޅަށް އަފްޣާން ސިފައިން އިއްޔެދިން ރައްދު ހަމަލާތަކުގައި ތާލިބާނުންގެ 12 މީހުން މަރާލާފައިވެއެވެ.

އަފްޣާނިސްތާނުގެ އިންތިޚާބާ ދިމާކޮށް މުޅި ގައުމުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވަނީ ރިޔާސީ އިންތިޚާބަށް ހުރަސްއަޅާނެކަމުގެ އިންޒާރު ތާލިބާން ޖަމާއަތުން ދީފައިވާތީއެވެ. ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވަނީ އެގައުމުގެ ސިފައިންގެ ލަޝްކަރުތަކާއި ފުލުހުން ގުޅިގެންނެވެ.އަފްޣާން ފުލުހުންނާއި ސިފައިން ގެންދަނީ ވޯޓު ފޮށިތައް ބަހައްޓާ މަރުކަޒުތަކާއި އިންތިޚާބާބެހޭ މަސްއޫލުވެރިންނާއި އޮބްޒާވަރުން ތިއްބަވާ ތަންތަނުގައި ފޯރިމަރަމުންނެވެ.

މިއީ 2001 ވަނައަހަރު އެމެރިކާ ސިފައިން ކާބުލްއަށް އަރައި ތާލިބާނުންގެ ވެރިކަން ވައްޓާލުމަށްފަހު މުޅި އަފްޣާނިސްތާނުގައި ސަލާމަތީ ފިޔަވަޅުތައް މިހާބޮޑަށް ވަރުގަދަކުރި ފުރަތަމަ ފަހަރުކަމަށް އެގައުމުގެ ސަރުކާރުން ބުނެއެވެ. އިއްޔެ އިންތިޚާބުގެ ވޯޓުތައް މިހާރު ގުނަމުންދާއިރު އިންތިޚާބުގައި އެއްވެސް ކެންޑިޑޭޓަކަށް ވޯޓުލާމީހުންގެ 50 އިންސައްތަ ނުލިބޭނަމަ ދެވަނަ ބުރެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މި އިންތިޚާބުގައި އަބްދުﷲ އަބްދުﷲ އާއި ޒަލްމާއި ރަސޫލް އާއި އަޝްރަފް ޣާނީ އަހްމަދު ޒާއި ވަރަށް ގާތުން ވާދަކުރައްވާނެ ކަމަށް ބެލެވޭތީ އެއްވެސް ކެންޑިޑޭޓަކަށް ފުރަތަމަ ބުރުން އިންތިޚާބު ކާމިޔާބު ވުމުގެ ފުރްސަތު ކުޑަކަމަށް މުރާސިލުން ބުނެއެވެ. (ރޮއިޓާސް)