ބެންކޮކް : ތައިލެންޑްގައި ދާޚިލީ ހަނގުރާމައެއް ފެށިދާނެކަމުގެ އިންޒާރު އެގައުމުގެ ބޮޑުވަޒީރާ ޔަންގްލިކް ޝިނަވަޓްރާއަށް ތާއީދުކުރާ ރެޑް ޝާޓް ހަރަކާތުގެ ޒަޢީމުން ދެއްވައިފިއެވެ.

ރެޑް ޝާޓް ހަރަކާތުގެ ޒަޢީމުން ވިދާޅުވީ ބޮޑުވަޒީރާ ޔަންގްލިކް ޝިނަވަޓްރާގެ ވެރިކަން ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން ހިންގާ ހަމަނުޖެހުންތަކަށް ބީރުކަންފަތެއް ދީގެން ދެން ނުތިބޭނެ ކަމަށާ ޝިނަވަޓްރާގެ ވެރިކަން ވައްޓާލުމަށް ގާނޫނީ އިމުގެ ބޭރުން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ހުއްޓާނުލައިފިނަމަ ގައުމުގައި ދެން އުފެދޭނީ ދާޚިލީ ހަނގުރާމަ ކަމުގައެވެ. ތައި ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އެޤައުމުގައި ކުރިޔަށް ގެންދާ ތިންމަސްވީ ސިލްސިލާ މުޒާހަރާތަކާއެކުވެސް ބޮޑުވަޒީރާ ޔަންގްލިކް ޝިނަވަޓްރާގެ ސަރުކާރު ވައްޓާލުމުގައި އެފަރާތްތައްވަނީ ނާކާމިޔާބުވެފައެވެ.

އިދިކޮޅު ފަރާތްތަކުން ހިންގަމުން ގެންދާ ހަމަނުޖެހުންތަކަށް ރައްދު ދިނުމުގެގޮތުން ތައި ސަރުކާރުންވަނީ އަވަސް އިންތިޚާބެއްވެސް ބާއްވާފައެވެ. އިދިކޮޅު ފަރާތްތަކުން ބޮއިކަޓްކުރި މިއިންތިޚާބު ކާމިޔާބުކޮށްފައިވަނީ ބޮޑުވަޒީރާ ޔަންގްލިކް ޝިނަވަޓްރާގެ ވެރިކަންކުރާ ޕާޓީއެވެ. ނަމަވެސް ތައި ސްޕްރީމް ކޯޓުން އެންމެފަހުންވަނީ މިއިންތިޚާބު ބާތިލްކޮށްފައެވެ. ތައިލެންޑްގެ އިދިކޮޅު ފަރާތްތަކުގެ އަމަލުތައް ހުންނަގޮތުން އެގައުމުގައި ދާޚިލީ ހަނގުރާމައެއް ފެށިދާނެކަމުގެ އިންޒާރު ދިނުމުގެ ގޮތުން ރެޑް ޝާޓް ހަރަކާތުގެ އެތަށް ހާސްބަޔަކު ބެންކޮކްގެ މަގުތަކުގައި އިއްޔެވަނީ ވަރަށް ބޮޑު ހިނގާލުމެއް ބާއްވާފައެވެ. މި ހިނގާލުން ތިން ދުވަހަށް ދެމިގެންދާނެކަމަށް އެހަރަކާތުން ބުނެއެވެ. (ރޮއިޓާސް)