24 Dec 2010, 08:44
އައްޑޫ ލިންކް ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ރޭ 7:40 ގައި މަރަދޫ ފޭދޫ ޒުވާނުންގެ މަރުކަޒު ކައިރިން ލިންކް ރޯޑުގައި ދެސައިކަލް ޖެހިގެން ހިނގި އެ އެކްސިޑެންޓުގައި ބޮޑަށް އަނިޔާވެފައި ވަނީ އެތަނުން އެއް ސައިކަލު ދުއްވި ޢުމުރުން 20 އަހަރުގެ ޒުވާނަކަށް ކަމަށެވެ. އަދި އޭނާ އަށް މިހާރު ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދީފައި ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.
އަނެއް ސައިކަލުގައި ތިބި 24 އަހަރުގެ މީހަކަށާއި 21 އަހަރުގެ މީހަކަށް ވެސް އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓު ހިނގާފައި ވަނީ ލިންކް ރޯޑުން ގަމާވީ ފަރާތުން ހިތަދޫ އާ ވީކޮޅަށް ދުއްވާފައި ދިޔަ ސައިކަލެއް އެމަގުން ދިޔަ ދެ ސައިކަލެއްގެ ފަހަތުން ގޮސް އޯވަޓޭކު ކުރަން އުޅުމުގެ ތެރޭގައި އެމަގުން ހިތަދޫވީ ފަރާތަށް ދުއްވާފައިދިޔަ ސައިކަލެއްގައި ޖެހިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ އެކްސިޑެންޓުގައި ދެ ސައިކަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.