އެމްއެޗް 370 ހޯދުމުގެ މަސައްކަތުގައި އުޅޭ ޗައިނާގެ ބޯޓަށް ޕަލްސް ސިގްނަލް ލިބުނު ނަމަވެސް އެއީ ބްލެކްބޮކްސްގެ ސިގްނަލްތައް ކަމުގައި ނުވެދާނެ ކަމުގައި އޮސްޓްރޭލިއާގެ ޗީފް ކޯޑިނޭޓަރު ރިޓަޔާޑް އެއާ ޗީފް މާޝަލް އަންގުސް ހައުސްޓަން ބުނެފި އެވެ.

ބްލެކް ބޮކްސް ހޯދުމުގެ މަސައްކަތް މިދިޔަ ހުކުރު ދުވަހު ހޯދުމުގެ މަސައްކަތް ކުރާ އާލާތްތަކަކީ 37.5 ކިލޯހާޓްޒްގެ ފްރީކުއަންސީއެއް ނަގާ އާލާތްތަކެކެވެ. ފްލައިޓްގެ ރެކޯޑަރެއްގެ ގޮތުގައި ހަރުކުރެވިފައިވާ ބްލެކް ބޮކްސް ހޯދުމަށް ޕިންގާ ލޮކޭޓަރުތަކާއި އެކޯ ސިސްޓަމްތައް ބޭނުން ކުރަމުންދެ އެވެ.

"އެ ސިގްނަލްތަކަކީ ބްލެކް ބޮކްސްގެ ސިގްނަލްތަކެއް ކަން ޔަގީންވެފައެއް ނެތް،" ހައުސްޓަން ބުންޏެވެ. "އެ ސިގްނަލްތަކަކީ ކަނޑުން އާންމުގޮތެއްގައި އިވޭ އަޑުތަކުން ލިބޭ ސިގްނަލްތަކަކަށް ވެދާނެ. އަދި އެހެން ބޯޓުތަކުން އިވޭ އަޑުތަކަކުން ވެސް ސިގްނަލެއް އަތުވެދާނެ."

ފަސިންޖަރުންނާއި ފަޅުވެރިންނާ އެކު ޖުމްލަ 239 މީހުން ދަތުރުކުރި މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މިދިޔަ މަހު އަށް ވަނަ ދުވަހު، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ.