06 Apr 2014, 09:54
ޓީޗަރުންގެ މުސާރައާއި އިނާޔަތްތައް ރަނގަޅު ކުރުމަށް ބާރުއަޅައި ޓީޗަރުންނަށް ދިމާވެފައިވާ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ކަޅުހެދުމުގައި ގިނަ އަދަދެއްގެ ޓީޗަރުން ސުކޫލަށް ނުކުމެއްޖެ އެވެ.
އެކަމަކީ ޓީޗާސް އެސޯސިއޭޝަން އިން އިސްނަގައިގެން ކުރާ ކަމެކެވެ. އެކަމުގައި ރާއްޖޭގެ އެކި ހިސާބުތަކުން ގިނަ ޓީޗަރުން ދަނީ މިއަދު ބައިވެރިވަމުންނެވެ.
ޓީޗާސް އެސޯސިއޭޝަނުގެ ރައީސް އާތިފު އަބްދުލް ހަކީމް ވިދާޅުވީ، ކަޅު ހެދުން ލައިގެން ޓީޗަރުން ނިކުތީ އިހުތިޖާޖެއް ކުރުމަކަށް ނޫން ކަމަށާއި "ޓީޗަރުންގެ ޝުޢޫރު ކުލައަކުން ފާޅު ކުރުމަށް" ކަމަށެވެ.
އޭނާ ވިދާޅުވީ ކަޅުހެދުން ލައިގެން ސްކޫލްތަކަށް ޓީޗަރުން ނިކުތުން ނޫން އެހެން ހަރަކާތެއް ނުހިންގާނެ ކަމަށާއި އަދި ހިންގުމަށް ހަމަޖައްސާފައި ވެސް ނުވާނެ ކަމަށެވެ. އާތިފް ވިދާޅުވީ، ޓީޗަރުން ވަކި ކުލަ ކޯޑެއްގައި ނިކުތުމަކީ، އޭގެ ސަބަބުން ކިޔަވާ ކުދިންނަށް އެއްވެސް ނޭދެވޭ އަސަރެއް ކޮށްފާނެ ކަމެއް ކަމަށް ނުދެކޭ ކަމަށެވެ.
ޓީޗަރުން ކަޅު ހެދުމުގައި ސްލޫލްތަކަށް ނިކުތުމަށް ނިންމާފައިވާ ނިންމުމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަބްދުލް މުހުސިން މުހައްމަދު ސޮއިކުރައްވައި ބުރާސްފަތި ދުވަހު ނެރުނު "ދަންނަވާލުމެއް"ގައި ބުނެފައިވަނީ، ޓީޗާސް އެސޯސިއޭޝަން އިން ސްކޫލްތަކަށް ބަހާފައިވާ ލިޔުމެއްގައި ހަގީގަތާ ހިލާފު، ފިތުނަ އަށް މަގުފަހިވާ އަދި މަސްލަހަތު ގެއްލޭ ފަދަ ވާހަކަތަކެއް ހިމެނޭ ކަމަށެވެ.
އެޑިއުކޭޝަންގެ ދެންނެވުމުގައި ބުނެފައި ވަނީ ސްކޫލަކީ ދަރިން ތަރުބިއްޔަތު ކުރުމުގެ އެންމެ މުޤައްދަސް މަސައްކަތްކުރާ، މުޖުތަމައުގެ އިހުތިރާމާއި ގަދަރު ލިބިފައިވާ، ރައްކާތެރިކަމާއެކު ބަލަހައްޓާ މުއައްސަސާއަކަށްވީ ހިނދު، ދަރިވަރުންނަށް ނުރަނގަޅު އަސަރުކުރާ އެއްވެސް ކަމެއް ސްކޫލްގެ މާހައުލުގައި ކޮށްގެން ނުވާނެ ކަމަށެވެ.