އެމްއެޗް 370 ހޯދަން މަސައްކަތް ކުރަމުން އައި ޗައިނާގެ ބޯޓަކަށް ބްލެކްބޮކްސް އެއްގެ ޕަލްސް ސިގްނަލް ލިބިއްޖެއެވެ.

ޗައިނާގެ ޒިންހުއާ ނިއުސް އެޖެންސީ ބުނީ އިންޑިއާ ކަނޑުގެ ދެކުނުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އައި އެގައުމުގެ ހައިޒުން1 ބޯޓަށް ޕަލްސް ސިގްނަލް ލިބުނީ 37.5 ކިލޯހާޓްޒްގެ ފްރެކުއެންސީއަކުން ކަމަށެވެ.
ހައިޒުން 1 އިން އޮޕަރޭޓް ކުރަމުން އައި ބްލެކްބޮކްސް ޑިޓެކްޓަރަށް ލިބުނު އެސިގްނަލަކީ އެމްއެޗް 370 ގެ ބްލެކް ބޮކްސް އިން ކަން އަދި ކަށަވަރެއް ނުކުރެވެއެވެ.

އެމްއެޗް 370 ހޯދަން މަސައްކަތް ކުރަމުން އައި ޗައިނާގެ ބޯޓަކަށް އެސަރަހައްދުން އިތުރު ތަކެތި ވެސް މިއަދު ވަނީ ފެނިފައެވެ.


އެމްއެޗް 370 ހޯދުމަށް 26 ގައުމެއްގެ ވަޔާއި ކަނޑުގެ ސިފައިންގެ އިތުރުން މަދަނީ ފަރާތްތައް ހަރަކާތްތެރި ވަމުން އައި ނަމަވެސް ބޯޓާ ގުޅުން ހުރި އެއްވެސް އެއްޗެއް އަދި ނުފެނެ އެވެ.

ބޯޓް ހޯދުމުގައި އިސް ދައުރެއް އަދާކުރާ އޮސްޓްރޭލިއާ އިން އިއްޔެ ވެސް ބުނީ ކުރިއެރުމެއް ނުލިބޭ ކަމަށެވެ.
ބޯޓްގެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަނީ ޖިނާއީ މައްސަލައެއްގެ ގޮތުގައި ކަމަށް މެލޭޝިއާ ފުލުހުންގެ އިންސްޕެކްޓަ ޖެނެރަލް ޚާލިދު އަބޫބަކުރު އިއްޔެ ވިދާޅުވެފައިވާ ކަމަށް ވެސް ނިއު ސްޓްރެއިޓް ޓައިމްސް އިން ބުންޏެވެ. އެ ތަހުގީގުގައި ބަލާ ހަތަރު ދާއިރާ އިން ވެސް ބޯޓުން ދަތުކުރި 227 ދަތުރުވެރިން މިހާރު އިސްތިސްނާ ވެފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެ ތަހުގީގުގައި ހާމަ ނުކުރެވޭނެ މައުލޫމާތުތަކެއް ހުރި ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ބޯޓް ހޯދުމަށް އެންމެ ބޮޑު އެހީތެރިކަމަކަށް ވާނެ އެކައްޗެއް ކަމަށްވާ ބްލެކް ބޮކްސްގެ ބެޓްރީގެ ބާރު ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސް ތެރޭގައި ކެނޑޭނެ އެވެ.

މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މިދިޔަ މަހު އަށް ވަނަ ދުވަހު، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެބޯޓުން ބޯޓުގައި ފަޅުވެރިންނާއި ފަސިންޖަރުންނާ އެކު ޖުމުލަ 239 މީހުން ދަތުރު ކުރި އެވެ.