ގދ. ތިނަދޫ ޑައިމަންޑުވިލާ، އަލީ ރަޝީދު،79،މަރާލި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލީ ރަޝީދު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ދިވެހި ފިރިހެނަކާއި އަންހެނެއްގެ އިތުރުން ބިދޭސީ ފިރިހެނެއް ކަމަށެވެ.

ތިނަދޫ ކައުންސިލް މެމްބަރަކު ވިދާޅުވީ އަލީ ރަޝީދުގެ މޫނު މައްޗާއި އޭނާގެ ގައިގެ އެކި ތަންތަނުން ޒަޚަމްތަކެއް ފެންނަން ހުރި އިރު، އޭނާ މަރުވެފައި އޮއްވައި ފެނުނު ގުދަނުގައި ލޭ ވެސް ހުރި ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި ފުލުހުންގެ ޚާއްސަ ތަހުގީގު ޓީމެއް އެރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އަލީ ރަޝީދު ދިރިއުޅޭގޭގެ ގުދަނެއްގެ ތެރޭގައި އޭނާ މަރާލާފައި އޮއްވާ ފެނުނީ ރޭގެ ވަގުތެއްގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތަހުގީގު ކުރިއަށްދާތީ އިތުރު ތަފްސީލް ދެވެން ނެތް ކަމަށެވެ.