05 Apr 2014, 21:47
ގއ. ދާންދޫ ސްކޫލްގައި އިސްލާމް ޓީޗަރެއް ނެތި ދުވަސްތަކެއް ވުމުގެ ސަބަބުން އެ ސްކޫލްގެ ދަރިވަރުންތަކަކާއި ބެލެނިވެރިންތަކެއް ނުކުމެ އެރަށު ކައުންސިލް އިދާރާ ކުރިމަތީގައި މުޒާހަރާ ކޮށްފައި ވާއިރު، އެ ސްކޫލްގެ އިސްލާމް އަދި ދިވެހި ޓީޗަރު ސްކޫލުން ވަކިވެފައި ވަނީ އެ ސްކޫލަށް އަދި މިނިސްޓްރީއަށް ވެސް ނާންގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ސަންއަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިއަހަރުގެ ކިޔެވުން ފެށުނުއިރު އެ ސްކޫލުގައި ބަރާބަރަށް ޓީޗަރުން ތިބިކަމަށް އެ ސްކޫލުން އެޑިއުކޭޝަނަށް އަންގާފައި ވާކަމަށެވެ. ނަމަވެސް ކިޔެވުން ފެށި ކުޑަ ދުވަސްކޮޅެއް ތެރޭގައި އިސްލާމް ޓީޗަރާއި ދިވެހި ޓީޗަރު މާލެ އައިސްފައި ވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ އެ ދެ ޓީޗަރުން މާލެ އައީ އެކުގައި ނޫންކަމަށާއި ފުރަތަމަ އައީ ދިވެހި ކިޔަވައިދޭ ޓީޗަރު ކަމަށެވެ. އަދި އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އިސްލާމް ޓީޗަރުވެސް މާލެ އައިސް ގައުމީ ޔުނިވާސިޓީގެ ޑިގްރީ ކޯހަކަށް އެޕްލައިކޮށްފައި ވާކަމަށާއި ނަމަވެސް އެ ދެ ޓީޗަރުންވެސް މާލެއަށް އަންނަން އުޅޭކަމެއް ނުވަތަ ސްކޫލުން ވަކިވާން އުޅޭކަމެއް ސްކޫލަށް އަންގާފައި ނުވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އިސްލާމް ޓީޗަރެއް ހޯދަން ތިން ފަހަރު އިއުލާން ކުރިން. ނަމަވެސް ސާނަވީ މަރުހަލާއަށް ކިޔަވައިދޭނެ އެކަށީގެންވާ ކެނޑިޑޭޓެއް ކުރިމަތި ނުލާތީ އެރަށާ ކައިރީގައި އޮންނަ ގއ.މާމެންދޫ އިންވެސް އިސްލާމް ޓީޗަރެއް އެރަށަށް ކިޔަވައިދޭން ދިޔަ. އެކަމަކު ބެލެނިވެރިން ބޭނުންވަނީ ދާއިމީ ޓީޗަރެއް. އެހެންވެ އެބޭފުޅާވެސް ކިޔަވައިދެއްވުމަށް ވަޑައިގެންނެވީ ތިން ހަފްތާވަންދެން. އެހާ ކުޑަ މުއްދަތެއްގެ ތެރޭގައި ރަނގަޅު ކޮލިފައިޑް ޓީޗަރެއް ހޯދުމަކީ ފަސޭހަކަމަކަށް ނުވާނެ. އެހެންވެ ޓީޗަރެއް ނެތީ މިވަގުތު. އަޅުގަނޑުމެން މިހާރުވެސް އެބަ މަސައްކަތް ކުރަން ޓީޗަރެއް ހޯދަން." އޮފިޝަލް ވިދާލުވިއެވެ.
ސްކޫލް ފެށި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެރަށު ސްކޫލްގެ ޕްރިންސިޕަލް ވެސް ކައުންސިލަށް ކުރިމަތި ލެއްވުމުން ސްކޫލުން ސަސްޕެންޑް ވީ ކަމަށާއި މިހާރު އެ ސްކޫލްގައި ޕްރިންސިޕަލެއްގެ މަގާމުގައި ހުންނެވީ ވަގުތީގޮތުން ސްކޫލް ހިންގުމާ ހަވާލުވެ ހުންނެވި ބޭފުޅެއްކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.