ރާއްޖޭގައި ތިބި ކޮމްޕިއުޓަރު ޕްރޮގްރާމަރުންގެ ހުނަރު ދައްކާލުމުގެ ގޮތުން ބޭއްވި ފުރަތަމަ ކިކްސްޓާޓް ހެކަތޯން ނިންމާލައިފި އެވެ.

މިއަދު ހަވީރު މާލޭ ސިޓީ ހޯލްގައި ބޭއްވި ހެކަތޯން ނިންމާލުމުގެ ގޮތުން ޕްރޮގްރާމަރުން 24 ގަޑިއިރު ތެރޭގައި ތައްޔާރުކުރި އެކި އެޕްލިކޭޝަންތައް ދައްކާލި އެވެ. ޕްރޮގްރާމަރުން ތައްޔާރުކުރި އެކި އެޕްލިކޭޝަނުތައް ހާއްސަ ކުރެވިފައި ވަނީ އޮފީސް ބޭނުންތަކަށާއި އާންމު މުޖުތަމައުގައި އުނދަގުލާއި ކުރިމަތިލާން ޖެހިފައިވާ ކަންތައްތަކަށް ހައްލެއް ހޯދޭނެ ގޮތަށެވެ.

ހެކަތޯން ނިންމާލުމަށް ފަހު، އެންމެ ރަނގަޅު ތިން އެޕްލިކޭޝަނަށް އިނާމު ދީފައިވާ އިރު، އެއްވަނަ އަށް ދިޔައީ ލޭ ހޯދަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ "ވިންދު" ނަމަކަށް ކިޔާ އެޕްލިކޭޝަނަކަށެވެ.

އެއްވަނައަށް ދިޔަ "ވިންދު" އެޕްލިކޭޝަން ތައްޔާރުކުރި ނާއިލް އަދި މާއިލް އަށް އިނާމެއްގެ ގޮތުގައި ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގެ ފަރާތުން 15000 ރުފިޔާ އާއި ކޮންމެ ބައިވެރިއަކަށް ރާއްޖެ އޮންލައިންގެ ފަރާތުން ހަތަރު މަސް ދުވަހަށް 2 އެމްބީޕީއެސްގެ 80 ޖީބީ ޕެކޭޖަކާއި ގިތުބްގެ ފަރާތުން ސިލްވާ ޕްލޭނެއް އަދި ސައިޓް5 ގެ ފަރާތުން ތިން މަސް ދުވަހަށް ސައިޓް5 ހޮސްޓިންގް ކޮންމެ މެންބަރަކަށް ލިބިފައިވެ އެވެ.

ހެކަތޯންގެ ދެވަނަ އަށް ދިޔައީ "ވަގު ޕައި" ނަމަކަށް ކިޔާ ހޯމް ސެކިއުރިޓީ ސިސްޓަމެކެވެ. މި ޕްރޮގްރާމަށް އިނާމެއްގެ ގޮތުގައި އެލައިޑް އިންޝުއަރެންސްގެ ފަރާތުން 10000 ރުފިޔާ އާއި ސައިޓް5 ގެ ފަރާތުން ތިން މަސް ދުވަހުގެ ހިލޭ ސައިޓް5 ހޮސްޓިންގް އަދި ހެޔޮ އެދޭ ފަރާތަކުން 100 ޑޮލަރުގެ އެމަޒޯން ގިފްޓް ކާޑެއް ލިބިފައިވެ އެވެ.

ތިންވަނަ އަށް ދިޔައީ ކޮފީ ޝޮޕަކަށް ހާއްސަކޮށްގެން ތައްޔާރު ކުރެވުނު "ކޮފީ ބަޑީ" ނަމަކަށް ކިޔާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް އިނާމެއްގެ ގޮތުގައި މީޑިއާނެޓް ޑިޖިޓަލްގެ ފަރާތުން 5000 ރުފިޔާ އާއި ސައިޓް5 ގެ ފަރާތުން ތިން މަސް ދުވަހަށް ހިލޭ ސައިޓް5 ހޮސްޓިންގް އަދި ހެޔޮ އެދޭ ފަރާތަކުން 100 ޑޮލަރުގެ އެމަޒޯން ގިފްޓް ކާޑެއް ލިބިފައިވެ އެވެ.

އޭގެ އިތުރުން އެންމެ ރަނގަޅު އެޕްލިކޭޝަނެއް އުފެއްދި އަންހެން ބައިވެރިއަކު ވެސް ހޮވާފައިވެ އެވެ. އެންމެ ރަނގަޅު އެޕެއް އުފެއްދި އަންހެން ބައިވެރިއަކަށް ހޮވުނީ އެކި ވައްތަރު މައުލޫމާތުތަކެއް އެއް ތަނަކުން ހޯދޭ ގޮތަށް ތައްޔާރުކުރި އެޕްލިކޭޝަނެއް އުފެއްދުމުގައި ހަރަކާތްތެރިވި އައިޝަތު އަދުނާނަށެވެ. އޭނާ އަށް ވަނީ އިނާމެއްގެ ގޮތުގައި އެންސީއައިޓީން 8000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ.

ކިކްސްޓާޓް ހެކަތޯން އަކީ އިއްޔެ ހަވީރު 16:00 އިން ފެށިގެން މާލެ ސިޓީ ހޯލްގައި ކުރިއަށްދިޔަ ހަރަކާތެކެވެ. މި ހަރަކާތުގައި 40 ޕްރޮގްރާމަރުން ބައިވެރިވެފައިވެ އެވެ.