މިހާރު ކުރިއަށްދާ ކްލަބު މޯލްޑިވްސް ކަޕުގައި ފިނޭންސް މިނިސްޓްރީ އަތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) މޮޅުވެއްޖެ އެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުން އެމްއޭސީއެލް ރޭ މޮޅުވީ 2-0 ލަނޑުންނެވެ. މެޗުގައި ފިނޭންސަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއޭސީލްއެލްގެ މުހައްމަދު ހައިޝަން އެވެ.

ޕޮލިސް ކްލަބު ރޭ ވަނީ ފެނަކާ ކޯޕަރޭޝަން އަތުން ފަސޭހަ ކަމާއެކު މޮޅުވެފަ އެވެ. 7-0 ލަނޑުން ޕޮލިހުން މޮޅުވި މި މެޗުގެ ފުރަތަމަ ހާފުގައި ވެސް އެ ޓީމުން ފަސް ލަނޑުގެ ލީޑެއް ނަގައިފަ އެވެ. މެޗުގައި ފެނަކަގެ ގައުމީ ޓީމު ފޯވަޑް ހަސަން އަދުހަމް (ސަޑޭ) އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ.

މުބާރާތް ހުޅުވި މެޗުގައި އިއްޔެ ހަވީރު ބައްދަލުކުރީ މޯލްޑިވިއަން އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އެވެ. 3-0 އެފްއެސްއެމް މޮޅުވި މި މެޗުގައި ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އާދަމް ލަރީފް (ރޮނާ) ދެ ލަނޑު ކާމިޔާބުކުރި އިރު، އަނެއް ލަނޑު ކާމިޔާބު ކޮށްދިނީ ހަސަން ޝާހު އެވެ.

މުބާރާތުގެ 18/30 ވިމެންސް ފުޓްބޯލް ފިއެސްޓާގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަލުކުރީ ޕޮލިހާއި އެމްއޭސީއެލް އެވެ. މި މެޗު ޕޮލިހުން ކާމިޔާބުކުރީ 3-0 ލަނޑުންނެވެ. އަންހެން ބައިގައި ރޭ އިކޮނޮމިކް މިނިސްޓްރީ އަތުން ދިވެހި ސިފައިންގެ ކްލަބު މޮޅުވީ 22-0 ލަނޑުން މޮޅުވި އިރު، ރޭ ދިރާގު އަތުން ފެނަކަގެ އަންހެން ޓީމު މޮޅުވީ 4-1 ލަނޑުންނެވެ.