މިދިޔަ މަހުގެ ހެނދުނުގެ ވަގުތެއްގައި މާލެއިން ފުރައިގެން ރ. ދުވާފަރަށް ދަތުރުކުރި “ދުވާފަރު” ނަމަކަށް ކިޔާ ބޯޓުން ދަތުރު ކުރި މއ. އަތަރުލާގެ، މުޙައްމަދު ޝާނީޒް،36، އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ޝާނީޒު ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން އަދިވެސް ކުރަމުން އަންނަ ކަމަށެވެ.

ޝާނީޒް އެންމެ ފަހުން ފެނިފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ދަންވަރު 2:45އެހައިކަންހާއިރު ބޯޓުގެ ތިރީ ގެގަޑުގެ ކުރީކޮޅުގައި ނިދާފައި އޮއްވައި ބޯޓުގެ ފަޅުވެރިއަކަށް ކަމަށާއި އެވަގުތު ބޯޓު ދަތުރުކުރަމުން ދިޔައީ ބ. ދަރަވަންދޫ ބޭރުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭނާ ބޯޓުގައި ނެތްކަން އެނގުނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 9:00 ގައި ރ. ދުވާފަރަށް ބޯޓު ކައިރިކުރުމުންކަމަށް ބޯޓުގެ ވެރިފަރާތާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޝާނީޒް އެންމެ ފަހުން ފެނުނު އިރު ލައިގެންހުރީ ކަޅުކުލައިގެ އަތްދިގު ޓީޝާޓަކާއި މުށިކުލައިގެ ސްކިނީ ޖީންސެއް ކަމަށެވެ. އަދި އޭނާއަކީ ހަމުގެ ކުލަ އަލި، ބޮލުގެ އިސްތަށިގަނޑު އާދައިގެ ވަރަކަށް ދިގު، ހަށިގަނޑު ހިކި، އިސްކޮޅުގައި ގާތްގަނޑަކަށް ފަސް ފޫޓު ހަ އިންޗި ހުރި މީހެއް ކަމަށް ވެސް ފުލުހުންޏެވެ.

ޝާނީޒްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ ވީ އެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ 332211 ނުވަތަ ރ. އުނގޫފާރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791508 އަށް ގުޅައި މައުލުމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.