27 Mar 2010, 10:09
އޮޑިޓަރ ޖެނެރަލްގެ ކަރަޕްޝަނުގެ މައްސަލަ މަޖިލިސްގެ ތަޅުމުގައި ބަހުސްކުރުމަށް އެމްޑީޕީގެ މެންބަރުން ހުރަސް އަޅަމުންދާ ދިއުމަކީ އެމްޑީޕީން ހިންގާ ޑިމޮކްރެސީއާ ޚިލާފް ޢަމަލެއް ކަމަށް ބުނެ ޑީއާރުޕީން އެކަން ކުށްވެރިކޮށްފި އެވެ.
ޑީއާރުޕީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީ ހިންހަމަ ނުޖެހޭ މަސަލައެއް މަޖިލިހަށް ހުށައެޅޭ ކޮންމެ ފަހަރަކު މަޖިލިސްގެ ޤަވައިދަށް ހުރުމަތް ތެރިކޮށް ހިތުމެއްނެތި މަޖިލިސްގެ ތަޅުން ހޫނުކޮށް މަޖިލިސްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުރަސް އަޅާއެޅުމަކީ، ޤައުމުގެ މަސްލަހަތަށް ނުވަތަ ރައްޔިތުންގެ ހައްޤުތަކަށް އެބޭފުޅުން އެއްވެސް ކަހަލަ ހުރުމަތެއް ނުބަހައްޓާކަމާއި ޑިމޮކްރަސީ އާއި ރައްޔިތުންގެ ހައްޤުތައް ރައްކާތެރި ކުރުމުގެނަމުގައި ދައްކާ ވާހަކައަކީ އެއްވެސް ހަޤީގަތެއްނެތް ވާހަކަ ތަކެއްކަން ރަގަޅަށް ސާބިތުވާ އަލި ގަދަ ހެއްކެތް ކަމަށެވެ. އަދި ސަރުކާރު ޒިންމާދާރު ކުރުވުމަށްޓަކައި އަދި ރައްޔިތުންގެ ހައްޤުގައި ޑީއާރްޕީން މައްސަލައެއް ނުވަތަ ޤަރާރެއް ހުށައަޅާ ކޮންމެ ފަހަރަކު އެއީ މަޖިލިސްގެ ވަގުތު ބޭކާރު ކުރުން ކަމަށާއި ރައްޔިތުންގެ މާލިއްޔަތުން ބޮޑު ޚަރަދެއް ހިނގާ ކަމެއްކަމަށް ބުނެ، އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުން އަޑުއުފުލަމުން ގޮސްފައިވާއިރު، މިހާރު މަޖިލިހަށް ހުށައެޅިފައިވާ އޮޑިޓަރ ޖެނެރަލް ދައުލަތުގެ މުދަލަށް ޚިޔާނާތްތެރިވެފައިވާ މައްސަލާގައި އޮޑިޓަރ ޖެނެރަލް އިބްރާހިމް ނަޢީމް އަކީ އެމްޑީޕީއަށް ތާޢީދު ކުރައްވާ އަދި އެމްޑީޕީން އެދޭ ގޮތަށް އޯޑިޓް ރިޕޯޓް ނެރެދެއްވާ ބޭފުޅަކަށް ވާތީ އޭނާ ކިތަންމެ ބޮޑު ޚިޔާނާތެއް ކުރެއްވި ނަމަވެސް އޭނާ ހިމާޔަތް ކުރުމަށް އެމަޤާމްގައި ބެހެއްޓެވުމަކީ އެމްޑީޕީގެ މަސްލަހަތު އެކުލެވިގެންވާ ކަމަށް ވާތީ، އެމައްސަލައިގެ ބަހުސް ކުރިއަށް ގެންދިއަ ނުދީ މަޖިލިސްގެ މަސައްކަތަށް އެމްޑިޕީގެ މެންބަރުން ހުރަސް އަޅާ އެޅުމަކީ ދަޢުލަތުގެ މާލިއްޔާތުން ހަރަދު ހިނގާ ކަމެއް ކަމަށް ނުވަތަ ރައްޔިތުންގެ ޙައްގުގައި ހަދަންޖެހޭ ގިނަ ޤާނޫނުތައް ހެދުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށް އެމްޑީޕީގެ ނަޒަރުގައި ނުވާކަން ފާހަގަ ކުރެވޭ ކަމަށްވެސް ޑީއާރުޕީގެ އެ ބަޔާނުގައި ބުނެފައިވެ އެވެ.