05 Apr 2014, 19:47
ކިޔަވައިދިނުމާ ނުގުޅޭ އެއްވެސް ކަމެއް ސްކޫލްތަކުގައި ކުރުމަކީ ހުއްދަދެވޭނެ ކަމެއް ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މިއަދު ހަވީރު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ސައީދު ވިދާޅުވީ ސްކޫލްތަކަކީ ކިޔަވައިދޭ ތަނެއް ކަމަށާއި އެތަނުގައި އެނޫން ކަމެއް ކުރުމަކީ ހުއްދަ ދެވޭނެ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ހަމަ ގަބޫލުކުރަންވީތޯ އުމުރުން ހަތް އަހަރުގެ ކުއްޖަކަށް އިހްތިޖާޖު ކުރާ މަންޒަރު ފެނުމަކީ ހަމަ އެންމެ ރަނގަޅު ކަމެކޭ. އޭގެސަބަބުން އޭނަގެ ކިޔެވުމަށް އެއްވެސް އަސަރެއް ނުކުރާނެތޯ. އެހެންވީމަ އަޅުގަނޑުމެން ތަކުރާރުކޮށް ދަންނަވާލަން ބޭނުންވާ ވާހަކައަކީ ސްކޫލްތަކަކީ ކިޔަވައިދޭ ތަނެކޭ ކިޔަވައިދޭ މަރުކަޒެކޭ. އެތާގެ އެތެރޭގައި ކިޔަވައިދިނުމާ ގުޅުންނެތް އެއްވެސް ކަމެއް ކުރުމަކީ އަޅުގަނޑުމެން ހުއްދަދޭނެ ކަމެއް ނޫނޭ،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ބެލެނިވެރިން ކުދިން ސްކޫލަށް ފޮނުވަނީ ސްކޫލްގެ ވެރިންނާއި ޓީޗަރުންނަށް ޒިންމާއެއް ހަވާލުކުރުމަށްފަހު ކަމަށާއި ސްކޫލްގެ ސެޝަންގެ ތެރޭގައި ހުންނަ ހުރިހާ ވަގުތެއްގަ އެ ކުއްޖާގެ ހުރިހާ ކަމެއްގެ ޒިންމާ ސްކޫލުން އުފުލަން ޖެހޭ ކަމަށެވެ. އެހެންކަމުން ސްކޫލް މާހައުލުން ކުއްޖާ އަށް ރީތިނަމޫނާ ފެންނަން ޖެހޭ ކަމަށާއި އެކަން ކަށަވަރު ކުރުމަކީ ތައުލީމީ ދާއިރާގެ ކޮންމެ މުވައްޒަފެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ.
ނޫސްވެރީނަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓު ސެކްރެޓަރީ އަބްދުލް މުހުސިން މުހައްމަދު ވަނީ މާދަމާ ޓީޗަރުން ކަޅުހެދުންލައިގެން ސްކޫލަށް ދިޔުން މަނާކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ އެއްވެސް ކުލައެއްގެ ހެދުމެއް ނުލުމަށް އެއްވެސްގޮތަކަށް ޓީޗަރުންނަށް އިރުޝާދެއް ދީފައި ނޯންނާނެ ކަމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގާފައި ވަނީ ހަގީގަތެއް ނެތް ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހިންގޭ ހަރަކާތްތަކުގައި ޓީޗަރުން ބައިވެރިނުވުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސްކޫލްތަކަށް އަންގާފައިވާނީ ހަގީގަތެއް ނެތް ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހިންގޭ ހަރަކާތެއްގައި ޓީޗަރުން ބައިވެރިނުވާށޭ،" މުހުސިން ވިދާޅުވި އެވެ.
ދައުލަތުގެ ބަޖެޓު ތާށިކޮށް އޮއްވައި އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ޓީޗަރުންނަށް ފަހި ގޮތްތަކެއް ހޯދައިދެމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ސްކޫލްތަކަކީ އިހްތިޖާޖު ކުރާތަންތަން ނޫންކަމަށާއި އެކަންކަން ކުރަންޖެހޭނީ ސްކޫލްތަކާ ދުރުގައި ކަމަށެވެ.
އިހްތިޖާޖު ކުރުމަކީ ގާނޫނު އަސާސީން ލިބިގެންވާ ހައްގެއް ކަމަށް ބުނާއިރު ކޮންމެ ހައްގަކީ ވެސް އެ ހައްގާ އެކު ޒިންމާއެއްވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ ހައްގުގެ ވާހަކަ އެކަނި ދައްކާފަ ޒިންމާގެ ވާހަކަ ނުދެއްކުން އެއީ ވަރަށް ދެރަ ކަމެއް. އަޅުގަނޑުމެންގެ މުސްތަގުބަލް ބިނާކުރަން ތިބި ޓީޗަރުންނަކީ އެފަދަ ބައެއް ނޫން. އެ ކުދިންނަށް ހައްގާއި ޒިންމާ ދަސްކޮށްދޭ ފަރާތްތައް،" މުހުސިން ވިދާޅުވި އެވެ.