ޓީޗަރުންގެ މުސާރައާއި އިނާޔަތްތައް ރަނގަޅު ކުރުމަށް ބާރުއަޅައި ޓީޗަރުންނަށް ދިމާވެފައިވާ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ކަޅުހެދުމުގައި ޓީޗަރުން މާދަމާ ވަޒީފާއަށް ނުކުތުމަށް ޓީޗާސް އެސޯސިއޭޝަނުން ނިންމައިފި އެވެ.

ޓީޗާސް އެސޯސިއޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އެސޯސިއޭޝަނުގެ ރައީސް އާތިފު އަބްދުލް ހަކީމް ވިދާޅުވީ، ކަޅު ހެދުން ލައިގެން ޓީޗަރުން މާދަމާ ނިކުންނަނީ އިހުތިޖާޖެއް ކުރުމަކަށް ނޫން ކަމަށާއި "ޓީޗަރުންގެ ޝުޢޫރު ކުލައަކުން ފާޅު ކުރުމަށް" ކަމަށެވެ.

އޭނާ ވިދާޅުވީ ކަޅުހެދުން ލައިގެން ސްކޫލްތަކަށް ޓީޗަރުން ނިކުތުން ނޫން އެހެން ހަރަކާތެއް ނުހިންގާނެ ކަމަށާއި އަދި ހިންގުމަށް ހަމަޖައްސާފައި ވެސް ނުވާނެ ކަމަށެވެ.

އާތިފް ވިދާޅުވީ، ޓީޗަރުން ވަކި ކުލަ ކޯޑެއްގައި ނިކުތުމަކީ، އޭގެ ސަބަބުން ކިޔަވާ ކުދިންނަށް އެއް ވެސް ނޭދެވޭ އަސަރެއް ކޮށްފާނެ ކަމެއް ކަމަށް ނުދެކޭ ކަމަށެވެ.

"ކަލާ ކޯޑެއްގައި ސްކޫލަށް ނިކުތުމަކީ ދަރިވަރުންނަށް ގެއްލުން ވާނެ ކަމެއްކަމަށް ޓީޗަރުންގެ އެސޯސިއޭޝަނަކަށް ގަބޫލެއް ނުކުރެވޭ، ސަބަބަކަށްވަނީ އިނާމު ދިނުމުގެ ޖަލްސާތަކާ އަދި އެނޫންވެސް އެހެނިހެން ކަންކަމުގައި އަބަދުވެސް ކަލާ ކޯޑް ބޭނުންކުރާ ތަނެއް ސްކޫލަކީ،" އާތިފު ވިދާޅުވި އެވެ.

އާތިފް ވިދާޅުވީ މާދަމާ ޓީޗަރުން ކަޅުހެދުން ލައިގެން ނުކުތުމަށް ސިވިލް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށާއި އެޑިއުކޭޝަންގެ ޕާމަނަންޓް ސެކްރެޓަރީއާއެކު ކުރިން މަޝްވަރާ ކުރައްވާފައި ވާނެ ކަމަށެވެ. އަދި ވިދާޅުވީ ކަޅު ހެދުން ލައިގެން ނުކުމެވޭނެ ކަމަށް އެޗްއާރްސީއެމްއިން ބުނެފައިވާ ކަމަށާއި އެދުވަހު ޕާމަނަންޓް ސެކްރެޓަރީ ވެސް އެކަމަށް ތާއީދު ކުރައްވާކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

ޓީޗަރުން ކަޅު ހެދުމުގައި ސްލޫލްތަކަށް ނިކުތުމަށް ނިންމާފައިވާ ނިންމުމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަބްދުލް މުހުސިން މުހައްމަދު ސޮއިކުރައްވައި ބުރާސްފަތި ދުވަހު ނެރުނު "ދަންނަވާލުމެއް"ގައި ބުނެފައިވަނީ، ޓީޗާސް އެސޯސިއޭޝަން އިން ސްކޫލްތަކަށް ބަހާފައިވާ ލިޔުމެއްގައި ހަގީގަތާ ހިލާފު، ފިތުނަ އަށް މަގުފަހިވާ އަދި މަސްލަހަތު ގެއްލޭ ފަދަ ވާހަކަތަކެއް ހިމެނޭ ކަމަށެވެ.

އެޑިއުކޭޝަންގެ ދެންނެވުމުގައި ބުނެފައި ވަނީ ސްކޫލަކީ ދަރިން ތަރުބިއްޔަތު ކުރުމުގެ އެންމެ މުޤައްދަސް މަސައްކަތްކުރާ، މުޖުތަމައުގެ އިހުތިރާމާއި ގަދަރު ލިބިފައިވާ، ރައްކާތެރިކަމާއެކު ބަލަހައްޓާ މުއައްސަސާއަކަށްވީ ހިނދު، ދަރިވަރުންނަށް ނުރަނގަޅު އަސަރުކުރާ އެއްވެސް ކަމެއް ސްކޫލްގެ މާހައުލުގައި ކޮށްގެން ނުވާނެ ކަމަށެވެ.

"...ވީމާ ޓީޗާސް އެސޯސިއޭޝަންގެ ނަމުގައި ބަހާފައިވާ ލިޔުމުގައިވާ ގޮތަށް އޭޕްރީލް ހަ ވަނަ ދުވަހު ސްކޫލްގެ މާހައުލުގައި އެއްވެސް ފަރާތަކުން ހަރަކާތްތެރިވުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އަދި އެކަން ތިޔަ ސްކޫލްތަކުގެ މުވައްޒަފުންނަށް އަންގައި، ސްކޫލް މެނޭޖުމަންޓުން އެކަން ކަށަވަރު ކޮށްދެއްވުން އެދެމެވެ،" މިނިސްޓްރީގެ ދެންނެވުމުގައި ވެއެވެ.

މިނިސްޓްރީގެ ދެންނެވުމާ ގުޅިގެން އާތިފް ވިދާޅުވީ، އެޑިއުކޭޝަނުން ނެރެފައިވާ އެ ދެންނެވުމަކީ، ޣައިރުގާނޫނީ ދެންނެވުމެއް ކަމަށާއި އެއީ ޓީޗަރުންނަށް ބިރު ދެއްކުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަަމަށެވެ.

"ޕާމަނަންޓް ސެކްރެޓަރީ ނެރުއްވާފައިވާ ބަޔާނުގައި ޓީޗަރުންނަށް ބިރު ދެއްކުމުގެ ބައެއް އިބާރާތްތައް ހުރުމުން މިހާރު އެ މައްސަލަ ވާނީ އެޗްއާރްސީއެމް އަށް ހުށަހަޅާފައި. އަދި އެ މައްސަލަ ކަމާބެހޭ އެހެން ފަރާތްތަކަށް ހުށަހަޅާނަން،" އާތިފް ވިދާޅުވި އެވެ.

އާތިފު ވިދާޅުވީ ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި ވެސް އެ އެސޯސިއޭޝަނުން ވާނީ، ޓީޗަރުންނަށް ދިމާވެފައި ހުރި މައްސަލަތަކާއި ސްކޫލްތަކަށް ދިމާވެފައި ހުރި މައްސަލަތަށް ސަރުކާރާ ހިއްސާ ކުރަމަށް މަސައްކަތް ކޮށްފައި ކަމަށެވެ. އެގޮތުން 23 ޖެނުއަރީ އާއި 24 ނޮވެމްބަރުގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ގެ އަރިހުން މަޝްވަރާ އަށް އެދި ދަންނަވާފައިވާނެ ކަމަށާއި 19 ޑިސެމްބަރުގައި ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަރިހުން ވެސް މަޝްވަރާ އަށް އެދި ދަންނަވާފައިވާނެ ކަމަށެވެ.