05 Apr 2014, 16:48
ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އެންސްސްޕާގެ ޗެއާމަން ތޯރިގު އަލީ ލުތުފީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ބަދަލުކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ، "ސަން"އަށް މިއަދު ވިދާޅުވީ ތޯރިގް އެމަގާމަށް ބަދަލުކުރެއްވީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކަމަށެވެ. އޭނާގެ މަގާމް ބަދަލުކުރެއްވި ނަމަވެސް، ބަދަލުކުރެއްވި ވަކި ސަބަބެއް އޭނާ ވިދާޅެއް ނުވެ އެވެ.
މުއާޒު ވިދާޅުވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިޕިއުޓީ މިނިސްޓަރު ކަމުގެ މަގާމަށް ތޯރިގު ބަދަކުރެއްވި ނަމަވެސް އަދި ވެސް އެންސްޕާގެ ޗެއާމަން ކަމުގެ މަގާމުގައި ހުންނެވީ ތޯރިގު ކަމަށެވެ. އަދި އެ މަގާމުން އޭނާ ވަކިނުކުރައްވާ ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ.
ތޯރިގު އަކީ އެންސްޕާގެ އިތުރުން އާސަންދައިގެ ވެސް ޗެއާމަން ކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ އެ ދެ މަގާމަށް ވެސް އައްޔަން ކުރައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގަ އެވެ.
ނަމަވެސް އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ތޯރިގު އާސަންދައިގެ ޗެއާމަން ކަމުގެ މަގާމުން ވަކިކުރައްވައި، އެމަގާމަށް އައްޔަން ކުރެއްވީ މާފަންނު ދެކުނު ދާއީރާއަށް ޕީޕީއެމްގެ ޓިކެޓްގައި މިހާރު އިންތިހާބްވެވަޑައިގެންފައިވާ އަސްމާ ރަޝީދު އެވެ.
އެހެން ކަމުން މިހާރު އެ މަގާމު ހުރީ ހުހަށެވެ. އަދި މިހާތަނަށް ވަކި ބޭފުޅެއް އެމަގާމަށް އައްޔަން ކުރައްވާފައެެއް ނުވެ އެވެ.