05 Apr 2014, 15:48
ކުރީގެ ރައީސް މުހައްމަދު ނަޝީދާ ނުލައި އެމްޑީޕީ ކުރިއަށްދާން ބޭނުންވާނަމަ އެ ފުރުސަތު އެބަ އޮތް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ވަގުތީ ރައީސް ނަޝީދު ވިދާޅުވީ އަމިއްލަފުޅަށް ޕާޓީ ދޫކުރައްވައި ވަޑައިގަންނަވަން ބޭނުންފުޅުވެއްޖެ ހާލަތެއްގައި އެކަން ކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެމްޑީޕީ ބައިބައިވުމުގެ މެދުވެރިއަކަށް އެމަނިކުފާނު ވެވަޑައިނުގަންނަވާނެ ކަމަށެވެ.
"އަޅުގަނޑާނުލައި ޕާޓީ ދާންބޭނުންވާނަމަ ހަމަ ޕާޓީދާންވީ. އަޅުގަނޑަށް ޔަގީން ކަށަވަރު އަޅުގަނޑެއް ނުހުއްޓުވާނެކަން. މި ޕާޓީ ބައިބައިވުމުގެ މެދުވެރިއަކަށް ހަމަ ގައިމުވެސް އަޅުގަނޑެއް ނުވާނަން،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ މިއީ އެމްޑީޕީއަށް މެންބަރުން ވަންނަންވީ ވަގުތު ކަމަށާއި ހަމައެހެންމެ މިއީ އެމްޑީޕީ "ވަރުގަދަ" ކުރަންވެސްވީ ވަގުތު ކަމަށެވެ. އަދި އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި "މިޑް ޓާމަށް އަންނައިރުގައި" އަނެއްކާވެސް ވެރިކަން ބަދަލުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ދައުރުގެ މެދުތެރެއިން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަން ބަދަލުވެ، ވަރަށް އަވަހަށް އެމްޑީޕީއަށް ވެރިކަން ލިބިގެންދާނެ ކަމާއިމެދު ޝައްކު ނުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.