05 Apr 2014, 11:42
މޮސްކޯ (އެޕްރީލް 5): ރަޝިޔާގެ ސަރަހައްދީ ރޮނގު ކައިރީގައިވާ އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި ނޭޓޯއިން އަސްކަރީ ބާރުތައް ވަރުގަދަ ކުރަމުންގެންދާ މައްސަލައިގެ ހަގީގަތް ހާމަކޮށްދިނުމަށް ރަޝިޔާއިން ނޭޓޯއަށް ގޮވާލައިފި އެވެ.
ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ވިދާޅުވީ ރަޝިޔާގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ އިރުމަތީ ޔޫރަޕްގެ ގައުމުތަކަކީ ރަޝިޔާގެ ޖިޔޯ ސްޓްރެޓީޖިކް ސަރަހައްދުގައިވާ ގައުމުތަކެއް ކަމަށާއި އެގައުމުތަކުގައި ނޭޓޯގެ އަސްކަރީ ބާރުތައް ވަރުގަދަ ކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކަކީ ނޭޓޯގެ ނިޔަތާމެދު ސުވާލުއުފެދޭ މަސައްކަތްތަކެއް ކަމުގަ އެވެ. އެހެންކަމުން ރަޝިޔާގެ ސަރަހައްދީ ރޮނގު ކައިރީގައިވާ އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި އަސްކަރީ ބާރުތައް ވަރުގަދަކުރުމަށް ނޭޓޯ ކުރަމުން ގެންދާ މަސައްކަތްތަކުގެ ހަގީގަތާއި ބޭނުން ސާފުކޮށްދިނުމަށް ރަސްމީގޮތުން ނޭޓޯއަށް އަންގާފައިވާނެ ކަމަށް ލާވްރޯވް ވިދާޅުވި އެވެ.
ހުޅަނގަށް ތާއީދުކުރާ ފަރާތްތަކުން ޔުކްރޭންގެ ވެރިކަން ވައްޓާލިކަމަށް ރަޝިޔާގެ ގިނަ މުޙައްލިލުން ސިފަކުރައްވަނީ ނޭޓޯއާއި ޔޫރަޕްގެ އިއްތިޙާދުން ޔުކްރޭނަށް ނުފޫޒުފޯރުވައިގެން ކްރައިމިޔާގައިވާ ރަޝިޔާގެ ކަޅުކަނޑުގެ ފްލީޓުގެ މަރުކަޒުތަކާއި ބޭސްތައް އެތަނުން ބޭރުކޮށްލުމުގެ އިތުރުން އަސްކަރީ ގޮތުންނާއި އިގްތިސާދީގޮތުން ރަޝިޔާ ވަށާލުމެވެ. ނަމަވެސް ރަޝިޔާއިން ވަނީ ޔުކްރޭންގައި ހުޅަނގުގެ ބާރުގައި އުފައްދާފައިވާ ސަރުކާރު ގަބޫލުނުކޮށް ކްރައިމިޔާގެ ރައްޔިތުންގެ މެދުގައި ފެންނަނުފެންނަވޯޓެއް ނަގައިގެން ކްރައިމިޔާ ޔުކްރޭނާ ވަކިވެ ރަޝިޔާގެ އިއްތިޙާދުގައި އެސަރަހައްދު ބައިވެރި ކުރުމުގެ މުއާހަދާއެއްގައި ކްރައިމިޔާގެ ޒަޢީމުންނާއެކު ސޮއިކޮށްފަ އެވެ.
ރަޝިޔާގެ ސަރަހައްދީ ރޮނގު ކައިރީގައިވާ އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި އަސްކަރީ ބާރުތައް ވަރުގަދަ ކުރުމަށް ނޭޓޯ ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި އެގައުމުތަކަށް އަސްކަރީ މަތިންދާބޯޓުތަކާއި ޒަމާނީ ހަތިޔާރުތައް ފޮނުވުން ހިމެނެ އެވެ. މިއީ ކްރައިމިޔާ ރަޝިޔާގެ އިއްތިޙާދުގައި ބައިވެރި ކުރުވުމާ ދެކޮޅަށް އެޅި ފިޔަވަޅެއް ކަމަށް ނޭޓޯއިން ބުނެފައިވެ އެވެ. (ރޮއިޓާސް)