05 Apr 2014, 11:38
ރ. އަލިފުށީ ގެއެއްގައި އަލިފާން ރޯވެ އެގެ އަނދައި ހުލިވެއްޖެ އެވެ.
ފުލުހުން ބުނީ ރޭ ފަތިހު އަލިފާން ރޯވި އެރަށު "ރޯމާ" ގޭގައި އެއްވެސް މީހަކު އެވަގުތު ދިރިނޫޅޭ ކަމަށާއި އެގެއަކީ އެރަށުގައި ފަޅަށް ހުންނަ ގެއެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަލިފުށިން ވާހަކަ ދެއްކި މީހަކު ބުނީ އެގޭގައި އަލިފާން ރޯވެފައި ހުއްޓައި އާންމުންގެ ބަޔަކަށް ފެނުނީ ރޭ ފަތިހު 4:40 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ ރޯމާ ގޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލު ކުރެވުނީ 5:30 ހާއިރު ކަމަށާއި އޭރު އެގެ ވަނީ އެއްކޮށް އަނދައި ހުލިވެފައި ކަމަށެވެ. ފުލުހުން ބުނީ ރޯމާގޭގައި އަލިފާން ރޯވާން ދިމާވީ ކީއްވެކަން ނޭންގޭ ކަމަށާއި އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އަލިފުށިން ވާހަކަ ދެއްކި މީހަކު ބުނީ އެގޭގައި މީހަކު ނޫޅޭތީ ކަރަންޓް ސާކިޓް ވެސް ހުރީ ވައްޓާލާފައި ކަމަށާއި އެހެންވެ އެއީ ކަރަންޓް ސޯޓަކުން ވިކަމެއް ނޫން ކަމަށެވެ.