05 Apr 2014, 11:06
ރިބާތު (އެޕްރީލް 5): އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްހަ ގާއިމް ކުރުމަށްޓަކައި މެދުވެރިއެއްގެބައި އަދާކުރުމަށް އެމެރިކާ ކުރަމުންގެންދާ މަސައްކަތް ހުއްޓާލުމާމެދު ވިސްނަންޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ދެއްވައިފި އެވެ.
މަޣްރިބްގެ ވެރިރަށް ރިބާތުގައި ވާހަކަ ދައްކަވަމުން ކެރީ ވިދާޅުވީ، އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްހަ ގާއިމް ކުރުމަށް ކުރެވޭމަސައްކަތުން އެއްވެސް ނަތީޖާއެއް ލިބެމުން ނުދާ ކަމަށާއި އަދި ފާއިތުވި ދުވަސްތަކުގައި އެ ދެގައުމުން ސުލްޙައާ ފުށުއަރާ ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމުގަ އެވެ.
ކެރީ ވިދާޅުވީ އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްހަ ގާއިމް ކުރުމަށް އެމެރިކާ ކުރާ މަސައްކަތްތަކަކީ މުއްދަތެއް ނެތި ތާއަބަދަށް ކުރެވޭނެ މަސައްކަތްތަކެއް ނޫންކަމަށާއި އެމެރިކާގެ މިމަސައްކަތް އަލުން ބަލައި މުރާޖައާ ކުރުމަށް މިހާރު ނިންމާފައިވާ ކަމުގަ އެވެ.
ފާއިތުވި ދުވަސްތަކުގައި އިސްރާއީލާއި ފަލަސްތީނުން ސުލްޙައާ ފުށުއަރާ ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށް ކެރީ އިޝާރާތް ކުރައްވަނީ، އިސްރާއީލާއި ފަލަސްތީނާ ދެމެދު ކުރިޔަށްދާ ސުލްހައިގެ ވާހަކަތަކާ ގުޅިގެން އިސްރާއީލުން މިނިވަންކުރުމަށް ކުރިން އެއްބަސްވެފައިވާ ހަތަރުވަނަ މަރުހަލާގެ އަސީރުން މިނިވަން ނުކުރާނެކަން އިސްރާއީލުން ފަލަސްތީނަށް އެންގުމާއި އދ. ގެ އެޖެންސީތަކާއި މުއާހަދާތަކުގައި ފަލަސްތީނު ބައިވެރިވުމަށް ރައީސް މަހްމޫދު އައްބާސް ނިންމެވި ނިންމެވާ ގުޅިގެންނެވެ.
ފަލަސްތީނާއެކު ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާ އިސްރާއީލުގެ ވަފްދުގެ ވެރިޔާ ސީބީ ލެވްނީ އިއްޔެވަނީ ފަލަސްތީނުގެ އަސީރުން މިނިވަންކުރުމުގެ ކަންތައް ކެންސަލްކުރިކަން ފަލަސްތީނުގެ ވަފްދުގެ ވެރިޔާ ޑރ. ސާއިބު އުރައިގާތަށް ރަސްމީގޮތުން އަންގަވާފަ އެވެ.
އަސީރުން މިނިވަންކުރުން ކެންސަލްކުރީ އދ. ގެ ބައެއް އެޖެންސީތަކާއި މުއާހަދާތަކުގައި ފަލަސްތީނު ބައިވެރިވުމަށް ރައީސް މަހްމޫދު އައްބާސް ނިންމެވި ނިންމެވުމާ ގުޅިގެން ކަމަށްވެސް އިސްރާއީލުގެ މަސްއޫލުވެރިޔާ ވިދާޅުވެފައި ވެއެވެ. ނަމަވެސް އދ. ގެ އެޖެންސީތަކާއި މުއާހަދާތަކުގައި ބައިވެރިވުމަށް ފަލަސްތީނުން ނިންމީ ސުލްހައިގެ ވާހަކަތަކުގައި ކުޑަވެސް ދުލެއް ދިނުމަށް އިސްރާއީލުން ދެކޮޅު ހެދުމާއި އަދި ހަތަރުވަނަ މަރްހަލާގައި މިނިވަންކުރަން އެއްބަސްވެފައިވާ އަސީރުން މިނިވަން ކުރުމަށްވެސް އިސްރާއީލުން އިތުރު ޝަރުތުތަކެއް ކުރިމަތިކުރުމާ ގުޅިގެންނެވެ.
އދ. އެޖެންސީތަކާއި މުއާހަދާތަކުގައި ފަލަސްތީނު ބައިވެރިވުމަކީ އިސްރާއީލާއި އެމެރިކާ ވަރަށް ބޮޑަށް ދެކޮޅު ހަދާކަމެކެވެ. އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްހަ ގާއިމް ކުރުމަށްޓަކައި މެދުވެރިއެއްގެބައި އަދާކުރުމަށް އެމެރިކާ ކުރަމުންގެންދާ މަސައްކަތް ހުއްޓާލުމާމެދު ވިސްނަން ޖެހިދާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވިއިރު ފަލަސްތީނުގެ މައްސަލަ ބައިނަލްއަގްވާމީ ގާނޫނުތަކާއި އދ. ގެ ގަރާރުތަކާ އެއްގޮތަށް އދ. ގެ ތެރޭން ހައްލުކުރުމަށް އެންމެ ބޮޑަށް ދެކޮޅު ހަދާ ގައުމަކީވެސް އެމެރިކާ އެވެ.
އދ. ގެ ގިޔުގަނޑުން ބޭރުން އެމެރިކާ މެދުވެރިއެއްގެ ބައި އަދާކުރާގޮތަށް އިސްރާއީލާ ފަލަސްތީނު ސުލްޙައިގެ މޭޒުދޮށަށް ގެނެސްގެން މައްސަލަ ހައްލުކުރުމަށް އެމެރިކާ މަސައްކަތް ކުރަމުން ގެންދަނީ ފަލަސްތީނަށް ފިއްތުންތައް ކުރިމަތިކޮށްގެން ފަލަސްތީނުގެ ގިނަ ހައްގުތަކެއް ދޫކޮށްލައިގެން އިސްރާއީލަށް ފައިދާވާގޮތަށް ފަލަސްތީނުގެ މައްސަލަ ހައްލުކުރުމުގެ ބޭނުމުގަ އެވެ.
އެމެރިކާއާއި އިސްރާއީލު ކަންބޮޑުވެގެން އުޅެނީ އދ. ގެ ގަރާރުތަކާއި ބައިނަލްއަގަވާމީ ގާނޫނުތަކުގައި ފަލަސްތީނަށް ލިބިގެންވާ ހައްގުތައް ދޫކޮށްލުމަށް އެމެރިކާ ކުރިމަތިކުރާ ހުރަސްތަކަށް، ފަލަސްތީނުން ބޯ ނުލަނބާތީ ކަމަށް މުހައްލިލުން ދެކެއެވެ. (ނޫސްއެޖެންސީތައް)