ޤައުމެއްގެ ތަރައްޤީއަށް އޮތް އެންމެ ބޮޑު ވަސީލަތަކީ، އެ ޤައުމެއްގެ ކަންތައް، އެ ރައްޔިތެއްގެ ކަންތައް، އެ ރައްޔިތަކާ ގާތުން ހިންގޭނެ ނިޒާމެއް އެކަށައެޅުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


އެ މަނިކުފާނު މިހެން ވިދާޅުވީ، ހއ. ދިއްދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް، ދިއްދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"އިރާދަކުރައްވައިގެން، 5 ފެބްރުއަރީގައި އަޅުގަނޑުމެންނަށް ކުރިމަތިލާން މިލިބެނީ، މިދެންނެވި ބާވަތުގެ ނިޒާމެއްގެ ބިންގާ ޤާއިމްކުރެވޭ ދުވަހަކަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.   
މީގެ ސަބަބުން ރައްޔިތުންގެ ތެރެއިން ނުކުންނަ ބަޔަކު، އެ ރައްޔިތުންނާ ގުޅޭ ގޮތުން ކަންކަން ނިންމުމަށް މަގުފަހިވެގެންދާނެ ކަމަށާއި އެ ނިޒާމް މެދުވެރިކޮށް، ރާއްޖޭގެ ތަރައްޤީ އިރާދަކުރެއްވިއްޔާ ހޯދޭނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
އެހެންނަމަވެސް، ހަމައެކަނި ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމުން މަސައްކަތް ހުއްޓާލެވޭކަށްނެތް ކަމުގައި ވިދާޅުވެ، އެ ކައުންސިލްތަކަކީ ދިވެހި ރާއްޖޭގެ ތަރައްޤީއަށް މަގުފަހިކޮށްދޭނޭ ކައުންސިލްތަކަކަށް ހެދުމުގެ މަސްއޫލިއްޔަތާއި ޒިންމާ ސަރުކާރުން ނަންގަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިތިބީ އެކަން ކުރާން. އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ ކަމުގެ ވަރަށްބޮޑު އިތުބާރަކާއި ޔަޤީން [ކަމެއް އެބައޮތް]."ރައީސް ވިދާޅުވި އެވެ.