05 Apr 2014, 11:01
މަސްތުވާ ތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ފަރުވާދޭ އެންމެ ބޮޑު ދެ މަރުކަޒު ފުރިފައިވާތީ ޑްރަގް ކޯޓުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޑްރަގް ކޯޓުގެ 2013 ވަނަ އަހަރުގެ އަހަރީ ޖަލްސާގައި ބުރާސްފަތި ދުވަހު ވާހަކަ ދައްކަވަމުން އެ ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ، މީހުން އިސްލާހު ކުރުމަށްފަހު މުޖްތަމައަށް ގެނައުމުގެ ދޮރުތައް ބަންދުވަމުންދާ ވަރަކަށް އެ ކޯޓުގެ ފުރުސަތުތައް ހަނިވަމުންދާ ކަމަށެވެ.
"ޑްރަގް ކޯޓުގެ މި ވަނީ މީހުން ޖަލަށް ފޮނުވުމުގެ ބަދަލުގައި މީހުން އިސްލާހު ކުރުމަށްފަހު މުޖްތަމައަށް މީހުން ގެންނަ ކޯޓަކަށް. އެހެންނަމަވެސް މުޖްތަމައަށް މީހުން ގެނައުމުގެ ދޮރުތައް ބަންދުވަމުންދާ ވަރަކުން ޑްރަގް ކޯޓުގެ ފުރުސަތުތައް ދާނީ ހަނިވަމުން،" ފަނޑިޔާރު ވިދާޅުވި އެވެ.
ޑްރަގް ކޯޓުން ރިހެބިލިޓޭޝަންގެ އަމުރު ކުރި އެތައް ބަޔަކު ފަރުވާގެ ފުރުސަތެއްގެ އިންތިޒާރުގައި ޖަލުތަކުގައި މިހާރު ވެސް ތިބި ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
"މިވަގުތު ދިވެހިރާއްޖޭގެ ޖަލުތަކުގައި ކޯޓުން ރިހެބިލިޓޭޝަން އަމުރު ކުރުމަށްފަހުގައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 69 ވަނަ މާއްދާގެ ދަށުން އެތައް ބަޔަކު ފަރުވާގެ ފުރުސަތަކަށް އެދި އެބަ އިންތިޒާރު ކުރޭ. މިކަންތައް މިގޮތަށް ހުރެއްޖެ ކަމަށްވާ ނަމަ ކޯޓުގެ އެދެވޭ ނަތީޖާއެއް ނުފެންނާނެ،" އޭނާ ވިދާޅުވި އެވެ.
ޑްރަގް ކޯޓުގެ މަސައްކަތް ހަރުދަނާ ކުރުމުގެ ތެރޭގައި ވަރަށް ބައިވަރު ކަންކަން ހާސިލްވެފައިވާ ކަމަށާއި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރުމާ ބެހޭ ގަވާއިދެއް ވެސް މިދިޔަ އަހަރު އެކުލަވާލި ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
"އޭގެ ތެރެއިން އަޅުގަނޑު ފާހަގަކޮށްލަން ޑްރަގް ކޯޓުގެ ޝަރީއަތުގެ އަޑުއެހުންތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިޔުމާ ބެހޭ ގަވާއިދެއް އެކުލަވައިލިކަން،" އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރު ކޯޓުން ކުރި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފަނޑިޔާރު ފާހަގަ ކުރެއްވީ ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލުމެވެ.
"2013 ވަނަ އަހަރު ކޯޓުން ކުރި އެންމެ މުހިންމު ކަމަކީ 2014 އިން ފެށިގެން 2018 ވަނަ އަހަރަށް ޑްރަގް ކޯޓުން ހާސިލް ކުރަން ބޭނުންވާ ކަންތައް އެކުލަވާލައި، އެކަންކަން ތަންޒީމް ކުރުމަށްޓަކައި އެކުލަވާލެވުނު ޑްރަގް ކޯޓުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ މަސައްކަތް. އިރާދަ ކުރެއްވިއްޔާ މިހާރު އެ އެކްޝަން ޕްލޭން އިފްތިތާހު ކުރެވި އޭގެ އަމަލީ މަސައްކަތް އަޅުގަނޑުމެންނަށް ވަނީ ފެށިފަ،" މަހާޒް ވިދާޅުވި އެވެ.
ފުލުހުންނާ ޑްރަގް ކޯޓާދެމެދު ކުށްވެރިން ނުވަތަ ތުހުމަތު ކުރެވޭ މީހުންގެ މައުލޫމާތު ބަދަލު ކުރެވޭ ނިޒާމެއް ވެސް ވަނީ މިދިޔަ އަހަރު ގާއިމްކޮށްފަ އެވެ.
"މޯލްޑިވްސް ޕޮލިސް ސާވިސްއާ ޑްރަގް ކޯޓާ ދެމެދު ކުށްވެރިންގެ ނުވަތަ ތުހުމަތު ކުރެވޭ މީހުންގެ މައުލޫމާތު ބަދަލު ކުރެވޭނެ ހަރުދަނާ ޒަމާނީ ނިޒާމެއް ގާއިމް ކުރެވުނުކަން އަޅުގަނޑު ފާހަގަ ކުރަން. ޑްރަގް ކޯޓުގެ ފަނޑިޔާރުންގެ ކުރިމައްޗަށް ހާޒިރު ކުރެވޭ ކޮންމެ މީހެއްގެ ރެކޯޑް ބެލުމާއި އެމީހުން ފުލުހުންގެ އިދާރާއަށް ގެންދެވޭ ގެންދިއުމާ މިފަދަ ކަންކަން ދާދި ފަސޭހައިން ސިކުންތުކޮޅެއްގެ ތެރޭގައި ބަލައިލެވޭ ކަމީ އަޅުގަނޑު ވަރަށް އުފާ ކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ކޯޓުގެ ހިންގުން ރަނގަޅު ކުރުމުގެ މަސައްކަތުގެ ތެރެއިން ކޭސް މެނޭޖްމަންޓް ސިސްޓަމެއް ހަދައި އެއަށް އަމަލު ކުރަން ފަށާފައިވާ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
"ކޭސް މެނޭޖްމަންޓް ސިސްޓަމް ޑެވެލޮޕް ކުރަމުން އައިސް މިއަދުގެ ނިޔަލަށް އެ ސިސްޓަމްގެ ތެރެއިން ކޯޓު އަމުރު ޕްރިންޓު ކުރުމާ ހަމައަށް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިފަވޭ. ކުރިން އަޅުގަނޑުމެނަށް ދެ މިނެޓުން ތައްޔާރު ކުރެވޭ ކޯޓު އަމުރު މިހާރު އިރާދަކުރެއްވިއްޔާ 30 ސިކުންތު ތެރޭގައި އެ އަމުރު ނިންމާލާފައި ޑިސްޕެޗް ކުރުމާ ހަމައަށްދެވޭ،" އޭނާ ވިދާޅުވި އެވެ.