ގދ. ތިނަދޫގައި މަރުވެފައި އޮއްވައި ރޭ ފެނުނު މީހާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރިކަން ސަން އަށް އެނގިއްޖެ އެވެ.

އެރަށު ޑައިމަންޑުވިލާ، އަލީ ރަޝީދު 79، މަރުވެފައި އޮއްވާ ފެނިފައި ވަނީ އޭނާ ދިރިއުޅޭ ގޭތެރޭގައި ވެއްޓިފައި އޮއްވަ އެވެ.

ތިނަދޫއިން ސަން އަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުނީ، ރަޝީދުގެ ބޮލުން ހަ އިންޗި އެއްހާތަން "މަށައިގެން" ގޮސްފައިވާ ކަމަށެވެ. އަދި އޭނާގެ ވާތު ލޯ ވަރަށް ބޮޑަށް ނޫފައިގެންފައިވާ ކަމަށެވެ.

"ރަޝީދުގެ ވާތު ލޯ ހީވަނީ ޖެހުމުގެ ސަބަބުން ނޫފައިގެންފައި ހުރިހެން،" ތިނަދޫއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނީ އެމީހާއަކީ މީހަކާ އިނދެގެން އުޅޭ މީހެއް ނޫން ކަމަށާއި އޭނާގެ ދަރިޔަކު ވެސް ނުހުންނަ ކަމަށެވެ. އަދި އޭނާ ދިރިއުޅޭ ގޭގައި އޭނާގެ އިތުރުން ދިރިއުޅެނީ ބިދޭސީންތަކެއް ކަމަށާއި އޭނާ ނޫން އެއްވެސް ދިވެއްސަކު އެގޭގައި ނޫޅޭ ކަމަށް ވެސް އެމީހާ ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެރަށު ޑައިމަންޑުވިލާ ގޭގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮތް މީހެއް ފެނިފައިވާތީ، އެ ކަމާ ގުޅިގެން ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރުމާ އެކު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް މިހާތަނަށް އެމީހާގެ މަރަކީ ގުދުރަތީ މަރެއް ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.