05 Apr 2014, 00:18
އަންނަ މަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރުވަމުންދާ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑަށް، ނިއު ރޭޑިއަންޓުގެ ތަޖުރިބާކަރު މިޑްފިލްޑަރު އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި އެ ޓީމުގެ ޒުވާން ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު) ނަގައިފި އެވެ.
ގައުމީ ޓީމުގެ ފަރިތަކުރުންތައް މިދިޔަ އާދިއްތަ ދުވަހު 30 ކުޅުންތެރިންނާއި އެކު ފަށާފައިވާއިރު، ގައުމީ ޓީމުގެ ކޯޗު މަމިޗް، އޮއްޕޮ އާއި ހަމްޕު ގައުމީ ޓީމުގެ ސްކޮޑަށް އިތުރުކުރީ، އޭއެފްސީ ކަޕުގައި މިދިޔަ ބުދަ ދުވަހު އިންޑޮނޭޝިއާގެ ޕަރްސިޕޫރާ ޖަޔަޕޫރާއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި އެ ދެ ކުޅުންތެރިން ދެއްކި ކުޅުން ބެލުމަށްފަހު އެވެ.
ގައުމީ ޓީމުން 1999 ވަނަ އަހަރުން ފެށިގެން ޖާގަ ހޯދަމުން އަންނަ އޮއްޕޮ، އޭއެފްސީ ޗެލެންޗް ކަޕަށް ތައްޔާރުވަމުންދާ ގައުމީ ޓީމަށް ނަގާފައިވާއިރު، އޭނާ ގައުމީ ސްކޮޑްގައި ހިމެނުން މުހިއްމު ކަމަށް ނިއުގެ އިނގިރޭސި ކޯޗު ސައިމަން މެކްމެނެމީ، ގައުމީ ޓީމުގެ ކޯޗު ކައިރީގައި ވަނީ ބުނެފަ އެވެ. މިދިޔަ އަހަރު ބީޖީ ސްޕޯޓްސްއަށްވެސް ކުޅުނު އޮއްޕޮ އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ 2012 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގަ އެވެ.
ގައުމީ ސްކޮޑަށް އަލަށް ނެގި ހަމްޕު އަކީ ނިއު ރޭޑިއަންޓުގެ ޔޫތް ޓީމުން މިއަހަރު ގަލޮޅު ދަނޑަށް ތައާރަފްވި ކުޅުންތެރިއެ ކެވެ. ހަމްޕު ފުރަތަމަ ބައިނަލްއަގްވާމީ މެޗެއް ކުޅުނީ އޭއެފްސީ ކަޕްގައި މިދިޔަ ފެބްރުއަރީ މަހު ހޯމް ޔުނައިޓެޑާއި ދެކޮޅަށެވެ.
ޗެލެންޖް ކަޕަށް އެކުލަވާލި ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނެނީ މާޒިޔާގެ 11 ކުޅުންތެރިންނާއި އޮއްޕޮ އާއި ހަމްޕު އާއި އެކު ނިއުރޭޑިއަންޓުގެ 13 ކުޅުންތެރިންގެ އިތުރުން، ކްލަބް އީގަލްސް ގެ ފަސް ކުޅުންތެރިންނާއި ބީޖީ ސްޕޯޓްސް އާއި މަހިބަދޫ ސްޕޯޓްސް ކްލަބް، ކޮންމެ ޓީމަކުން އެއް ކުޅުންތެރިއެކެވެ. އަދި މެލޭޝިއާގެ ޕީޑީއާރްއެމްއަށް ކުޅެމުން އަންނަ ހުނަރުވެރި ފޯވާޑް އަލީ އަޝްފާގް (ދަނގަޑޭ) އެވެ.
އޭއެފްސީ ޗެލެންޖް ކަޕް ހުޅުވާ މެޗުގައި މޭ މަހުގެ 19 ވަނަ ދުވަހު ރާއްޖެ އާއި މިޔަންމާ، ވާދަކުރާއިރު މުބާރާތުގައި ރާއްޖެ ވާދަކުރާ ދެ ވަނަ މެޗުގައި މޭ މަހުގެ 21 ވަނަ ދުވަހު ނިކުންނާނީ، ކިރުގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މޭ 23 ވަނަ ދުވަހު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.