ރާއްޖޭގައި ތިބި ޑިވެލޮޕަރުންގެ ދޭތެރޭގައި ސޮފްޓްވެއާ އުފެއްދުމުގެ ރޫހު އިތުރުކުރުވުމަށްޓަކައި، ރާއްޖޭގައި ބާއްވާ ފުރަތަމަ ހެކަތޯން މިއަދު ހަވީރު ފަށައިފި އެވެ.

ހެކަތޯންއަކީ ގިނަ އަދަދެއްގެ ޑިވެލޮޕަރުން އެއްތަނަކަށް އެއްވެ، ކަނޑައަޅާފައިވާ މުއްދަތެއްގެ ތެރޭގައި ތަފާތު ސޮފްޓްވެއާތަކާއި އެޕްލިކޭޝަންތައް އުފެއްދުމަށް ބާއްވާ ހަރަކާތެކެވެ.

ރާއްޖޭގެ ޑިވެލޮޕަރުންތަކެއް އިސްނަގައިގެން "ކިކްސްޓާޓް ހެކެތޯން" ގެ ނަމުގައި މިއަދުން ފެށިގެން 24 ގަޑިއިރަށް މާލޭ ސިޓީ ހޯލުގައި ކުރިއަށް ގެންދާ އެ ހެކެތޯންގައި ރާއްޖޭގައި ތިބި 50 އަށްވުރެ ގިނަ ޑިވެލޮޕަރުން ބައިވެރިވެ އެވެ. ހެކެތޯން ނިމޭނީ މާދަމާ މެންދުރުފަހު 3:00 ގަ އެވެ.

ހެކެތަން އިންތިޒާމްކުރި ޑިވޮލޮޕަރުންގެ ޓީމުގައި ހިމެނޭ، ތަޖުރިބާކާރު ޑިވެލޮޕަރު ނަސްރުﷲ އަަދުނާން (ނައްޓު) މިއަދު "ސަން"އަށް ވިދާޅުވީ އެ ހެކެތަންގެ އަމާޒަކީ ރާއްޖޭގައި ތިބި ޑިވެލޮޕަރުން އެމީހުންގެ ހުނަރު މުޖުތަމައުއަށް ދައްކާލުމާއެކު، ރާއްޖޭގައި ތިބި ޑިވެލޮޕަރުން އެއްތަނަކުން ދިމާވެ އެމީހުންގެ ތެރޭގައި ގުޅުން ބަދަހި ކުރުވުން ކަމަށެވެ.

ނައްޓު ވިދާޅުވީ ހެކެތަންގެ ބައިވެރިން އެމީހުން ހަދާ އެޕް ހެދުމުގެ ކުރިން ހަދާ އެޕް ބުނާނެ ކަމަށާއި އެޕް ހަދާ ނިމުމުން އޭގެ ޑެމޯއެއް ދައްކާލާނެ ކަމަށެވެ. އަދި މިހާރު ކުރިއަށްދާ ހެކެތަންގައި މުޖުތަމައުއަށް ބޭނުންތެރި ވަރަށް ބައިވަރު އެޕްތަކެއް ބައިވެރިން ހަދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް މީހުން އެބަހަދާ ބްލަޑް ޑޮނޭޝަން ރިލޭޓަޑް އެއްޗެހި. އަނެއް ބަޔަކު އެބަ ހަދައި ދަތުރުފަތުރުގެ ނިޒާމް އިންނަ ގޮތުގެ އެޕެއް. އޭގެ އިތުރުން އެއްބަޔަކު އެބަހަދާ ރާއްޖޭގެ ހުރިހާ އިވެންޓްތަކެއް އެއްތަނަކުން ފެނިފައި އަގުތަކާއި ތަން ފެންނަ އެޕެއް،" ނައްޓު ބުންޏެވެ.

އެ ހެކަތޯން އިން އެއް ވަނަަ އަށް ހޮވޭ އެޕަކަށް ނެޝަނަލް ސެންޓާ ފޯ އިންފޯމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން 15،000ރ ދޭނެ އެވެ. ދެ ވަނައަށް އަންނަ އެޕަކަށް ހެކެތޯންގެ މެއިން ސްޕޮންސާ، އެލައިޑް އިން 10،000ރ ދޭނެ އެވެ. އަދި ތިން ވަނަ އަށް ހޮވޭ ފަރާތަކަށް ހެކެތޯންގެ ކޯ ސްޕޮންސާއެއް ކަމަށްވާ މީޑިއާ ޑިޖިޓަލް އިން ވަނީ 8000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފަ އެވެ.

މީގެ އިތުރުން ހެކަތޯންގައި 21 އަހަރުން ދަށުގެ ޑިވޮލަޕަރުން އުފައްދާ އެންމެ ރަނގަޅު އެޕަކަށާއި އަންހެނުން ހިމެނޭ ގްރޫޕްތަކުގެ ތެރެއިން އެންމެ ރަނގަޅު އެޕަކަށް އެންސީއައިޓީ އިން ވަނީ 8،000ރ. ފައިސާގެ އިނާމެއް ހުށަހަޅާފަ އެވެ.

އެންސީއައިޓީ އާއި މާލޭ ސިޓީ ކައުންސިލްގެ އެހީތެރިކަމާއި އެކު ބާއްވަމުން ގެންދާ އެ ހެކެތަންގެ މެއިން ސްޕޮންސަރަކީ އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އެވެ. އަދި ޓެލެކޮމް ޕާޓްނަރަކީ ދިރާގެވެ.

މީގެ އިތުރުން ހެކެތޯންގެ ކޯ ސްޕޮންސަރުންގެ ތެރޭގައި މީޑިއާނެޓް ޑިޖިޓަލް، ރާއްޖެ އޮންލައިން، ޕޮޕް ޖޯއީ އަދި ދި ޔޫތް މޫވްމަންޓް އާއި ރާއްޖޭގެ އޮންލައިން ދެ ނޫހެއް ކަމަށްވާ ހަވީރާއި ވީ ނިއުސް ހިމެނޭއިރު ދުނިޔޭގެ މަޝްހޫރު އެނާޖީ ބުއިމެއް ކަމަށްވާ ރެޑްބުލް އާއި ދުނިޔޭގެ މަޝްހޫރު ކުންފުންނިތަކެއް ކަމަށްވާ ސައިޓް5، އެޗްއައިޑީ، ޒެރޮކްސް ގެ އިތުރުން ގިޓްހަބް ހިމެނެ އެވެ.