މަދަނީ ޖަމިއްޔާތަކާ ސިޔާސީ ޕާޓީތަކާ ގުޅިގެން އަރަބި އިސްލާމީ ތަޢުލީމަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށް ބުނެ، އެކަމާ ދެކޮޅަށް ބާއްވާ ހިނގާލުމުގައި ޑީއާރުޕީގެ ހުރިހާ މެމްބަރުން ބައިވެރިވުމަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ގޮވާލައްވައިފި އެވެ.


އެ ކަމަށް ގޮވާލައްވައި ޑީއާރުޕީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އަރަބިއްޔާގެ ބެލެނިވެރިން ރައީސުލުޖުމްހޫރިއްޔާގެ އަރިހަށް ދިއުމުން އެ ބެލެނިވެރިންގެ އަޑުނާއްސަވައި ރައީސް އޮފީހުން ބޭރުކޮށް، ރައީސް އާ ބައްދަލުކުރެއްވުމުގެ ފުރުސަތު ނުދެއްވީތީ އެކަން ޑީއާރުޕީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި އެއްވެ އުޅުމާއި ޝުއޫރު ފާޅުކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ގާނޫނު އަސާސީން ލިބިދީފައިވާއިރު ސުލްހަވެރިކަމާ އެކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އަނިޔާވެރި ގޮތެއްގައި ހިފައި ހައްޔަރުކޮށް އެހިސާބުން މީހުން ދުރަށްލުން ޑީއާރުޕީން ކުށްވެރިކުރާ ކަމަށާއި އަދި މިހާރު ހައްޔަރުކޮށްފައި ތިބި މީހުން ދޫކޮށްލުމަށް ވެސް އެބަޔާނުގައި ވަނީ ގޮވައިލައިފަ އެވެ.  


ތަސްމީންގެ ބަޔާނުގައި އަދި ބުނެފައި ވަނީ އަދުގެ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަގު ފަހިވާން އޮތީ އަންނަން އޮތް ލޯކަލް ކައުންސިލް އިންތިޚާބު ޑީއާރުޕީ އަށާއި އެހެނިހެން އިދިކޮޅު ޕާޓީތަކަށް ކާމިޔާބު ކުރެވިގެން ކަމަށެވެ. އަދި ތަސްމީން އަތޮޅު ތެރެއަށް ވަޑައިގެންނެވި ނަމަވެސް އިއްޔެ ހިނގާދިޔަ ކަންތައްތައް ވަރަށް ގާތުން ބެއްލެވި ކަމަށާއި މިއަދު ބާއްވާ ހިނގާލުމަށް ތަސްމީންގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ލިބޭނެ ކަމަށް ވެސް ޑީއާރުޕީގެ ނޫސް ބަޔާނުގައިވެ އެވެ.