04 Apr 2014, 19:05
ގއ. ކޮނޑޭ ކައުންސިލް އިދާރާގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ ދެ މަސް ދުވަސް ވެއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ކޮނޑޭ ކައުންސިލް އިދާރާގެ އޮފިޝަލަކު ވިދާޅުވީ މުވައްޒަފުންނަށް މުސަރާ ނުދެވިގެން އުޅެނީ ޗެކްތަކުގައި ސޮއިކުރުމުގެ ހުއްދަ އޮތް ބޭފުޅެއް އެ އިދާރާގައި ނޫޅޭތީ ކަމަށާއި އެ ހުއްދަ ދޫކޮށްފައި ވަނީ ކުރީގެ ކައުންސިލް މެމްބަރުންނަށް ކަމަށެވެ.
މިއަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ބޭއްވި ކޮނޑޭ ކައުންސިލްގެ އިންތިޚާބާ ގުޅޭގޮތުން ހައިކޯޓަށް ހުށަހެޅުނު މައްސަލަ ބެލުމަށް ފަހު އެ ކޯޓުން ވަނީ އެ އިންތިޚާބު ބާތިލްކޮށްފަ އެވެ. ނަމަވެސް އޭގެފަހުން އެ އިންތިޚާބު އަލުންބާއްވާނެ ތާރީޚެއް މިހާތަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައެއް ނުވެއެވެ.
ކޮނޑޭ ކައުންސިލް އިދާރާގެ އޮފިޝަލް ވިދާޅުވީ ޗެކްގައި އިދާރީ މުވައްޒަފަކަށް ސޮއިކުރެވޭ ގޮތް ހަމަޖައްސައި ދިނުމަށް އެދި ލޯކަލް ގަވާމެންޓު އޮތޯރިޓީގައި މިހާރު އެދިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ކައުންސިލް އިދާރާގެ ފަރާތުން މިހާރު އެލްޖީއޭގައި އެދިފައި ވާނީ އިދާރީ މުވައްޒަފަކަށް ޗެކްތަކުގައި ސޮއިކުރެވޭ ގޮތް ހަމަޖައްސަވައިދެއްވާށޭ،" އޮފިޝަލް ވިދާޅުވި އެވެ.
މިކަމާ ބެހޭގޮތުން އެލްޖީއޭގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.