04 Apr 2014, 16:03
ފައިސަލް ފައުންޑޭޝަނުން ކ. ކާށިދޫ ސިއްހީ މަރުކަޒަށް މާބަނޑު އަންހެނުން ސްކޭންކުރާ މެޝިނެއް ހަދިޔާކޮށްފި އެވެ.
ކާށިދޫ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެހުންނެވި ޔޫސުފް ޝުޖާއު "ސަން" އަށް މިއަދު ވިދާޅުވީ، އަމިއްލަ ޖަމިއްޔާއަކުން ހާދިޔާކުރި ސްކޭން މެޝިނާއެކު އެރަށުގައި މާބަނޑު އަންހެނުން ސްކޭން ކުރުމުގެ ހިދުމަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ މީގެ ކުރިން މާބަނޑު އަންހެނުން ސްކޭން ކުރުމުގެ ހިދުމަތް އެ ސިއްހީ މަރުކަޒުން ދީފައި ނުވާތީ އެތަނުގައި ސްކޭން ކުރާނެ ހާއްސަ ޑޮކްޓަރަކު ނެތް ކަމަށެވެ. އަދި މިހާރު ހަމަ ޖެހިފައިވަނީ މަހަކު އެއްފަހަރު ސްކޭންކުރާނެ ޑޮކްޓަރަކު އެރަށަށް ގެންދިއުމަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ފައިސަލް ފައުންޑޭޝަނުން މީގެ ދުވަސްކޮޅެއް ކުރިން ވަނީ މާބަނޑުއަންހެނުން ސްކޭން ކުރާނެ މެޝިނެއް ހަދިޔާކޮށްފައި. އެހެން ނަމަވެސް އެ ހިދުމަތް އަދި ދޭން ނުފަށާމިވަނީ ސްކޭންކުރާނެ ޑޮކްޓަރަކު ނެތުމުން،" ޔޫސުފް ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ ސްކޭން ކުރުމުގެ ހިދުމަތް ދިނުމަށް އެ މަރުކަޒުގެ މުވައްޒަފަކަށް ޓްރޭނިން ދިނުމުގެ ވިސްނުން އެބަހުރި ކަމަށެވެ.
ފައިސަލް ފައުންޑޭޝަނުން ބުނީ ސްކޭން މެޝިނަށް ގާތްގަނޑަކަށް 150،000ރ. އަރާނެ ކަމަށެވެ. އެ ފައުންޑޭޝަނުން ވަނީ ކާށިދޫ އާއި ގާފަރަށް ހާއްސަ ބަލިތަކުގެ ޑޮކްޓަރުން ފޮނުވަދިނުމަށް ހަމަ ޖައްސާފަ އެވެ. އަދި ކާށިދޫ ސްކޫލުގެ ބައެއް ކުލާސް ރޫމްތަކަށް ޑިޖިޓަލް ބޯޑް ތަކެއްވެސް އެޖަމިއްޔާއިން ވަނީ ހަދިޔާކޮށްފަ އެވެ.