04 Apr 2014, 15:51
މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް 370 ހޯދުމުގެ މަސައްކަތް ކުރާ ގްރޫޕުތަކުން އެ ފްލައިޓްގެ ރެކޯޑިންގް ސިސްޓަމް "ބްލެކް ބޮކްސް" ހޯދުމަށް ކަނޑު އަޑި ބެލުމުގެ މަސައްކަތް ފަށައިފި އެވެ.
ބްލެކް ބޮކްސް ހޯދުމުގެ މަސައްކަތް މިއަދު ފެށިއިރު، އެ ސިސްޓަމްގެ ބެޓްރި ހުސްވާން އޮތީ ކުޑަ ދުވަސްކޮޅެކެވެ. ބެޓްރި ހުސްވެއްޖެނަމަ، ބްލެކް ބޮކްސް ހޯދުމަށް ކުރާ މަސައްކަތަށް ގިނަ ހުރަސްތަކަކާއި ކުރިމަތިވާނެ އެވެ.
ކަނޑު އަޑީގައި ދައުރުވާ އަޑުތައް ދެނެގަތުމަށްޓަކައި ޔޫއެސް ނޭވީގެ ޕިންގާ ލޮކޭޓަރަކާއި ބްރިޓިޝް ނޭވީގެ އެޗްއެމްއެސް އިކޯ ސިސްޓަމް ބޭނުންކުރެވޭ އިރު، އެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ އޮސްޓްރޭލިއާ ނޭވީގެ ބޯޓުތަކުންނެވެ.
"ބްލެކް ބޮކްސްގެ ބެޓްރީ ހިފަހައްޓާނީ އެއް މަސްްދުވަހަށް. އެހެންކަމުން މަސައްކަތް ކުރިއަށް ގެންދަން އަހަރެމެންނަށް ލިބިފައި އޮތީ ކުޑަ ދުވަސްކޮޅެއް،" ފްލައިޓް ހޯދުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއް ކަމަށްވާ އަންގުސް ހައުސްޓަން ބުންޏެވެ.
އިންޑިއާ ކަނޑުގައި މިއަދު ފެށިގެން ދިޔަ މަސައްކަތުގައި ދިހަ މިލިޓަރީ ބޯޓާއި، ހަތަރު ޖެޓާއި ނުވަ ކަނޑު ބޯޓު ބައިވެރިވެ އެވެ. މި މަސައްކަތް ކުރިއަށްދާ އިރު، މޫސުމުގެ އެއްވެސް ދަތިކަމެއް ނޫޅޭނެ ކަމުގައި އޮސްޓްރޭލިއާ އޮތޯރިޓީން ހާމަކުރެ އެވެ.