04 Apr 2014, 14:58
މުންބާއި (އެޕްރީލް 4) : އިންޑިޔާގެ މުންބާއިގާ ހިންގި ރޭޕްކުރުމުގެ ދެ ހާދިސާއެއްގައި ކުށްސާބިތުވެފައިވާ ތިންމީހަކު މަރުގެ ހުކުމާ ކުރިމަތިލާންޖެހިދާނެ ކަމަށް މިމައްސަލަތައް ބަލާ މުންބާއިގެ ކޯޓުން ބުނެފި އެވެ.
މުންބާއީގެ ކޯޓުންބުނީ 2013 ވަނައަހަރު އެސިޓީގައި ގޭންގް ގްރޫޕަކުން ހިންގާފައިވާ ރޭޕްކުރުމުގެ ދެ ހާދިސާއެއްގައި ކުށް ސާބިތުވެފައިވާ ތިންމީހުންގެ މައްޗަށް ހުކުމްކުރާނީ ރޭޕްކުރުމުގެ ޖަރީމާ ހިންގާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް މިދިޔައަހަރު ފާސްކޮށްފައިވާ އައު ގާނޫނުގެ ދަށުން ކަމުގައެވެ.
މުންބާއީގައި މިދިޔަ އަހަރު ޒުވާން ދެ އަންހެނަކު ރޭޕްކުރުމުގެ ދެ ހާދިސާއެއްގައި އެތަށްބަޔަކު ހައްޔަރު ކުރުމަށްފަހު އޭގެތެރެއިން ތިންމީހެއްގެ މައްޗަށް އެކަމުގެ ކުށްސާބިތުވާކަން ޝަރީޢަތަށްވަނީ ސާބިތުވެފަ އެވެ. މުންބާއީގައި މިދިޔަ އަހަރު ރޭޕްކޮށްލާފައިވާ ދެ އަންހެނުންގެ ތެރެއިން އެކަކީ ނޫސްވެރިކަމުގެ ދާއިރާގައި ފޮޓޮގްރާފަރެއްގެ ގޮތުން މަސައްކަތްކުރާ ޒުވާން އަންހެނެކެވެ.
އިންޑިޔާގައި ރޭޕްކުރުމުގެ ޖަރީމާ ހިންގާ ފަރާތްތަކަށް މަރުގެ އަދަބު ދޭގޮތަށް، އެކަމާބެހޭ ގާނޫނަށް އިސްލާހު ގެނެސްފައިވަނީ 2012 ވަނައަހަރު ނިއުދިއްލީގެ ފަސިންޖަރު ބަހެއްގައި 23 އަހަރުގެ އަންހެން ދަރިވަރަކު ރޭޕްކޮށްލި ހާދިސާއާ ގުޅިގެން އަންހެނުންގެ ސަލާމަތާއި ރައްކާތެރިކަން ހިމާޔަތް ކުރުމަށް ގޮވާލައި ރައްޔިތުންގެ އެތަށްހާސް ބަޔަކު މަގުތަކަށް ނުކުމެ ކުރި ވަރުގަދަ އިހްތިޖާޖްތަކަކާ ގުޅިގެންނެވެ.
މުޅި އިންޑިޔާ ސިއްސުވާލި އެޖަރީމާގެ ޝިކާރައަކަށްވި 23 އަހަރުގެ އަންހެން ދަރިވަރުވަނީ ރޭޕްކުރުމުގެ ސަބަބުން ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދެމުން ގެންދަނިކޮށް 2012 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 28 ވަނަ ދުވަހު މަރުވެފަ އެވެ.
ނިއުދިއްލީގެ ފަސިންޖަރު ބަހެއްގައި 23 އަހަރުގެ އަންހެން ދަރިވަރު ރޭޕްކޮށްލި ޖަރީމާ ހިންގުމުގައި ބައިވެރިކަމުގެ ކުށް ސާބިތުވެފައިވާ ހަތަރު މީހުން މެރުމަށް ދަށުކޯޓުން ހުކުމް ކޮށްފައި ވަނީވެސް އިސްލާހު ކުރެވުނު ގާނޫނުގެ ދަށުންނެވެ. ދަށުކޯޓުގެ އެހުކުމަށް ނިއުދިއްލީގެ ހައިކޯޓުން މިދިޔަ މަހުވަނީ ތާއީދުކޮށްފަ އެވެ.
ނިއުދިއްލީގެ ފަސިންޖަރު ބަހެއްގައި 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ވަރަށް އަނިޔާވެރި ގޮތަކަށް ރޭޕްކޮށްލެވުނު 23 އަހަރުގެ އަންހެން ދަރިވަރަކީ ނިއުދިއްލީގެ މެޑިސިން ފެކަލްޓީއެއްގައި ޑޮކްޓަރުކަން ކިޔަވާ ދަރިވަރެކެވެ.
އިންޑިޔާގައި އަންހެނުން ރޭޕްކުރުމާއި މީހުން މެރުމާއި ގޭންގް ކުށްތައް އާދަޔާ ޚިލާފަށް ގިނަވެފައިވާތީ އެކަން ކޮންޓްރޯލް ކުރެވޭނެ ހަމައެކަނި ގޮތަކީ އެފަދަ ޖަރީމާތައް ހިންގިކަން ސާބިތުވެގެން މަރުގެ ހުކުމް އިއްވޭ މީހުންގެ މައްޗަށް އެހުކުމް ތަންފީޒު ކުރުން ކަމަށް އިންޑިޔާގެ ރައްޔިތުންގެ ގިނަ ބަޔަކު ދެކޭކަން މިކަމާބެހޭގޮތުން އިންޑިޔާގައި ކޮށްފައިވާ ސާވޭތަކުން ވަނީ ހާމަވެފަ އެވެ. (ނޫސްއެޖެންސީތައް)