04 Apr 2014, 14:43
ކާބުލް (އެޕްރީލް 4) : އަފްޣާނިސްތާނުގައި މާދަމާ ބާއްވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ވެރިރަށް ކާބުލް އާއި އެގައުމުގެ ހުރިހާ ސްޓޭޓްތަކެއްގައި ސަލާމަތީ ފިޔަވަޅުތައް އާދަޔާ ޚިލާފަށް ވަރުގަދަކޮށްފި އެވެ.
އަފްޣާން އަމަނާބެހޭ ދާއިރާތައް ބުނާގޮތުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރީ ރިޔާސީ އިންތިޚާބަށް ހުރަސް އަޅާނެކަމުގެ އިންޒާރު ތާލިބާން ޖަމާއަތުން ދީފައިވާތީ އެވެ. އަފްޣާނިސްތާނުގައި މިފަހަރު ބާއްވާ ރިޔާސީ އިންތިޚާބަކީ އެގައުމުގެ ރައީސްކަމަށް މުޅިން އައުބޭފުޅަކު އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބެކެވެ. އަފްޣާން ރިޔާސަތަށް އައު ބޭފުޅަކު އިންތިޚާބު މިކުރަނީ މިހާރުގެ ރައީސް ހާމިދު ކަރުޒާއިގެ ވެރިކަމަށް 13 އަހަރު ފާއިތުވެގެން ދިޔުމަށްފަހު އިތުރު ދައުރަކަށް ކުރިމަތިލުމުގެ ފުރުސަތު ކަރުޒާއި އަށް ނެތުމުންނެވެ.
ކަރުޒާއި އަފްޣާނިސްތާނުގެ ވެރިކަމަށް ގެނެސްފައިވަނީ އެމެރިކާ އިސްކޮށް އޮވެގެން 2001 ވަނައަހަރު ހުޅަނގުގެ ބާރުތައް އަފްޣާނިސްތާނަށް އަރައި ހަނގުރާމަކޮށް އެގައުމުގައި އޮތް ތާލިބާނުންގެ ސަރުކާރު ވައްޓާލުމަށްފަހު އިންތިޚާބަކާ ނުލައި 2002 ވަނަ އަހަރުގަ އެވެ. ކަރުޒާއި އަފްޣާނިސްތާނުގެ ވެރިކަމަށް އިސްކުރުމަށްފަހު އަފްޣާނިސްތާނުގައި އެމެރިކާ މިހާތަނަށް ހަރަކާތްތެރިވަމުން ގޮސްފައިވަނީ އިސްތިއުމާރީ ބާރެއްގެ ގޮތުގަ އެވެ. އަދި ފާއިތުވި ރިޔާސީ ދެދައުރުގައި އަފްޣާނިސްތާނުގައި ރިޔާސީ އިންތިޚާބުތައް ބާއްވައި އެއިންތިޚާބުތައް ކަރުޒާއި ކާމިޔާބު ކުރައްވާފައި ވަނީވެސް އެމެރިކާގެ ބިރުދެއްކުންތަކާއި ބާރާއި ނުފޫޒާ އެކުގައި ކަމަށް ވަނީ ބެލެވިފަ އެވެ.
ނަމަވެސް މިއަހަރު ނިމުމުގެ ކުރިން އެމެރިކާ އާއި ނޭޓޯގެ ސިފައިން އަފްޣާނިސްތާނުން ފޭބުމަށް ނިންމައި އެމެރިކާ ސިފައިންގެ ބޮޑުބައި މިހާރު އަފްޣާނިސްތާނުން ބާލާފައިވާތީ އެމެރިކާގެ ބާރާއި ނުފޫޒުވަނީ ކުރިޔަށްވުރެ ކުޑަވެފަ އެވެ. މިއާއެކު ކަރުޒާއިގެ ސަރުކާރާއި އެމެރިކާއާ ދެމެދު ގުޅުންތައްވެސް ވަނީ ގޯސްވެފަ އެވެ. ދެފަރާތުގެ ދެމެދުގައި ކުރިންއޮތް ގުޅުންތަކަށްވަނީ ހީނަރުކަން އައިސް އިތުބާރު ގެއްލިފަ އެވެ. ދެފަރާތުގެ ގުޅުންތައް ހީނަރުވެގެން ދިޔައީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމަށްފަހު ދެގައުމުގެ އަމަނާބެހޭ ގުޅުންތައް ބާއްވާނެގޮތުގެ އެއްބަސްވުމުގެ ދެލިކޮޕީގައި އެމެރިކާ ބޭނުންވާ މާއްދާތައް ހިމަނައިގެން އޭގައި ސޮއިކުރުމަށް ކަރުޒާއި ދެކޮޅު ހެއްދެވުމުގެ ސަބަބުންނެވެ.
އަފްޣާނިސްތާނުގައި މާދަމާ ފެށޭ ރިޔާސީ އިންތިޚާބަށް އަށް ކެންޑިޑޭޓަކު ކުރިމަތި ލައްވާފައިވާއިރު މީގެތެރޭގައި މިހާރުގެ ރައީސް ހާމިދު ކަރުޒާއި ހިމެނިވަޑައެއް ނުގަންނަވަ އެވެ.
ރިޔާސީ އިންތިޚާބަށްޓަކައި އަފްޣާނިސްތާނުގެ ކަންކޮޅުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި ވަނީ އެގައުމުގެ ސިފައިންގެ ލަޝްކަރުތަކާއި ފުލުހުން ގުޅިގެންނެވެ. ސަލާމަތީ ފިޔަވަޅުތައް އާދަޔާ ޚިލާފަށް ވަރުގަދަކޮށްފައިވާ ތަންތަނުގެ ތެރޭގައި ވެރިރަށް ކާބުލްއާއި ވޯޓު ފޮށިތައް ބަހައްޓާ މަރުކަޒުތަކާއި އިންތިޚާބާބެހޭ މަސްއޫލުވެރިންނާއި އޮބްޒާވަރުން ތިއްބަވާ ތަންތަން ހިމެނެ އެވެ.
އަފްޣާނިސްތާނުގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 6،000 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، ވޯޓާބެހޭ ތަކެއްޗާއި ވޯޓު ފޮށިތައް އެފޮށިތައް ބަހައްޓާ މަރުކަޒުތަކަށް ގެންދިޔުމުގެ މަސައްކަތް މިއަދުގެ ނިޔަލަށް ނިންމައިލުމަށް ރާވައިފައިވާ ކަމަށް އަފްޣާން އިންތިޚާބާބެހޭ ކޮމިޝަނުން ބުނެފައިވެ އެވެ.
އަފްޣާނިސްތާނުގެ އެންމެ ބޮޑު އަދި އެންމެ ބާރުގަދަ ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ތާލިބާނުން ވަނީ ރިޔާސީ އިންތިޚާބަށް ހުރަސްއެޅުމުގެ ގޮތުން ކުރެވެންއޮތް ހުރިހާ ކަމެއް ކުރާނެކަމުގެ އިންޒާރު ދީފައެވެ. (ނޫސްއެޖެންސީތައް)