04 Apr 2014, 14:20
ނިރުބަވެރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންގެ ތަހުގީގުގައި، އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ) އިން "އަނިޔާވެރި" އަމަލުތަކެއް ހިންގައިފައި ވާ ކަމަށް ބުނެ، އެ ގައުމުގެ ސެނެޓުގެ އިންޓެލިޖެންސް ކޮމިޓީން ތައްޔާރު ކުރި ރިޕޯޓުގެ ބައެއް ބައިތައް އާއްމުކޮށް ޝާއިއު ކުރާން އެ ކޮމިޓީން ފާސް ކޮށްފި އެވެ.
ނަމަވެސް ޝާއިއު ކުރާން ހަމަޖެހުނު ޚުލާސާ ބައިތައް ޝާއިއު ކުރުމަށް އަދި ދުވަސްތަކެއް ނަގާނެ ކަމަށް އޮފިޝަލުން ބުނެ އެވެ.
ރިޕޯޓު ތައްޔާރު ކުރި ކޮމިޓީގެ ޗެއާމަން ޑަޔާން ފެއިންސްޓެއިން ވިދާޅުވީ، ރިޕޯޓުގެ ބައެއް ބައިތައް ޝާއިއު ކުރާން ފާސް ކުރީ 11 މެންބަރުން އެއްކޮޅަށް، 3 މެންބަރުން ދެކޮޅަށް ވޯޓު ދީގެން، އަޣުލަބިއްޔަތުގެ ނިންމުމަކުން ކަމަށެވެ. ފެއިންސްޓެއިން ވަނީ ސީއައިއޭގެ ތަހުގީގީ އުކުޅުތަކާއި މަންހަޖުތައް ދިރާސާ ކުރުމުން "ސިހިގެން ދާ ފަދަ" ހަގީގަތްތަކެއް ކަޝްފު ކުރެވުނު ކަމަށް ވިދާޅުވެފަ އެވެ.
"މި ރިޕޯޓާ އެކު ހާމަ ވާނެ މި ގައުމު ގަބޫލު ކުރާ އަގުތަކާއި އުސޫލުތަކާ މުޅީން ތަފާތު ފެންވަރެއްގައި ހުރި ބޮޑު އަނިޔާވެރިކަމެއްގެ ހަގީގަތް. މި ރިޕޯޓުން އެނގޭ ކަންކަމަކީ މި ގައުމުގެ ތާރީޚުގައި ޖެހުނު ބޮޑު ލައްގަނޑެއް. އެފަދަ ކަންކަން ދެން އެއްގޮތަކަށް ވެސް ހިނގިޔަދީގެން ނުވާނެ. މިއީ އެމެރިކާނުން ކުރާ ބާވަތުގެ ކަންތައްތަކެއް ނޫން." ފެއިންސްޓެއިން ވިދާޅުވި އެވެ.
ޑަޔާން ފެއިންސްޓެއިނަކީ ކެލިފޯނިއާ ސްޓޭޓް ތަމްސީލު ކުރައްވާ ޑިމޮކްރެޓިކް ސެނެޓަރެކެވެ.
ވޮޝިންގޓަން ޕޯސްޓުގައި، ރިޕޯޓުގެ ބައެއް ސަފުހާތައް ވަނީ މިހާރު ވެސް ޝާއިއު ކޮށްފަ އެވެ. އެ ސަފުހާތަކުގައި ވާ މައުލޫމާތު ބުނާ ގޮތުން، ސީއައިއޭ ވަނީ ހައްޔަރު ކުރެވޭ މީހުންނަށް އާދަޔާ ޚިލާފަށް ރަހުމު ކުޑަ، ލާއިންސާނީ އަނިޔާތައް ދީފަ އެވެ. އޭގެ ތެރޭގައި އައިސް ފެނުގެ ތެރޭގައި ގައިދީން ބެއިތިއްބުމާއި، ގައިދީންގެ ބޯ ފާރުތަކުގައި ތެޅުމާއި، މޫނުގައި ފޮތި ބަނދެ މޫނަށް ފެން އެޅުން ފަދަ އަނިޔާތައް ހިމެނެ އެވެ. ހައްޔަރު ކުރެވުނު މީހުންގެ ތެރެއިން އަބޫ ޒުބައިދާ ޒައިނުލްޢާބިދީން މުޙައްމަދު ޙުސައިނީ އަކީ 83 ފަހަރަކު މޫނުގައި ފޮތި ބަނދެ މޫނަށް ފެން އެޅުމުގެ ވޭންދެނިވި އަނިޔާ ސީއައިއޭގެ އޭޖެންޓުންގެ އަތްމަތީގައި ތަހައްމަލު ކުރި މީހެކެވެ.
ރިޕޯޓުގެ ލީކު ވި ބައިތަކުން އެނގޭ ގޮތުގައި، ސީއައިއޭ ވަނީ، އެމެރިކާގެ ރިޔާސަތުގައި ޖޯރޖް ޑަބްލިއު. ބުޝް ހުންނެވި ދުވަސްވަރު، ހިންގުނު އަނިޔާވެރި ތަހުގީގީ މަރުހަލާތަކާ ބެހޭގޮތުން ސަރުކާރަށް ވެސް ކަންތައްތަކެއް އޮޅުވައިލައިފަ އެވެ.
ސީއައިއޭގެ އޮފިޝަލުން ވަނީ ސެނެޓް ކޮމިޓީގެ ރިޕޯޓުގައި ހަގީގަތާ ޚިލާފު ވާހަކަތަކާއި ކުށްތައް ހުރި ކަމަށް ބުނެ އެ ރިޕޯޓަށް ފާޑު ކިޔައިފަ އެވެ.
މުރާސިލުން ބުނާ ގޮތުގައި، ރިޕޯޓުގެ ބައިތައް ޝާއިއު ކުރުމާ މެދު މައިގަނޑު ގޮތެއްގައި ޚިލާފު އުފެދުނީ ސެނެޓް ކޮމިޓީގެ ޑިމޮކްރަޓިކް މެންބަރުންނާއި ރިޕަބްލިކަން މެންބަރުންނާ ދެމެދުގަ އެވެ. ސީއައިއޭގެ އަނިޔާވެރިކަން ބޮޑު ވި ކަމަށް ރިޕޯޓުގައި ބުނާ ދުވަސްވަރު، އެމެރިކާގެ ސަރުކާރާއި ކޮންގްރެސް އޮތީ ރިޕަބްލިކަނުންގެ އަތްމަތީގަ އެވެ. ނަމަވެސް މިހާރު ވެރިކަން ކުރަނީ ވެސް، އަދި ކޮންގްރެސްގެ އަޣްލަބިއްޔަތު އޮތީ ވެސް ޑިމޮކްރެޓުންނަށެވެ.
ސެނެޓް ކޮމިޓީގެ ފުރިހަމަ ރިޕޯޓަކީ 6200 ސަފުހާގެ ރިޕޯޓެކެވެ. އެ ރިޕޯޓުގެ މަސައްކަތް ނިންމައިލެވިފައި ވަނީ ފަސް އަހަރު ދުވަހުގެ މަސައްކަތުންނެވެ. ރިޕޯޓުގެ އެގްޒެކެޓިވް ޚުލާސާގައި ވަނީ 500 ސަފުހާ އެވެ. ރިޕޯޓުގެ ބައިތަކެއް ޝާއިއު ކުރުމުގެ ކުރީން، ރައީސް ބަރަކް އޮބާމާ އެގްޒެކެޓިވް ޚުލާސާ ބައްލަވާނެ އެވެ.